ފަތުރުވެރިންނަކީ ވަރަށް ތަފާތު ކަންކަން ތަޖުރިބާކޮށްލަން ބޭނުންވާ ބައެކެވެ. ހާއްސަކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަކީ ރާއްޖޭގައި ހުންނަ ރީތި ތަންތަނާއި އާދަޔާ ހިލާފު ތަންތަން އަދި ރާއްޖޭގެ ސަގާފަތަށް ޝައުގުވެރިކަން އުފެދި މި ކަންކަން ތަޖުރިބާ ކޮށްލަން އަންނަ ބައެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްތަކުގައި ހެދިފައި ހުރި ކުޅި ތަކަކީ މި ފަތުރުވެރިންގެ އެއް މަންޒިލެވެ.

މިގޮތުން މިފަހަރު މިއޮތީ ކުޅިއެއް ބަލާލަން ދިޔަ ފަތުރުވެރިއަކަށް ދިމާވި މަޖާ ކަމެކެވެ.

ފުވައްމުލަކުގެ ވަރަށް ދުރު ހިސާބެއްގައި އޮންނަ ކޮޑަކިޅި ނުވަތަ "މަޑްބާތް" ގެ ނަމުން މަޝްހޫރުވެފައިވާ ތަނަކީ ވަރަށް ގިނައިން ފަތުރުވެރިން އަދި ދިވެހިން ވެސް ޒިޔާރަތްކުރާ ތަނެކެވެ. މުއްސަނދި ތާރީހެއް އޮތް މި ކުޅިއަކީ ހަމުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާއެއް ކަމަށްވެސް ބައެއް ފަތްފުތްތަކުގައި ވެއެވެ. ފުވައްމުލަކަށް ދާން އެންމެ ބޭނުންވާ އެއް ސަބަބު ކަމަށް ގިނަ ފަހަރަށް ވެފައި އޮންނަނީ ވެސް ކޮޑަކިޅި އަށް އެރިލަން ބޭނުންވާ ބޭނުންވުމެވެ.

މިވާހަކަތައް ފަހަށް ބަހައްޓާފައި މިފަހަރު ދައްކަން އުޅޭ ވާހަކައިގެ މައުޟޫއާގެން ކުރިޔަށް ދާނަމެވެ.

ފުވައްމުލަކުގެ ކޮޑަކިޅި ބަލައިލަން ދިޔަ ބަޔަކު ކުޅެފައިވާ ޓިކްޓޮކަކަށް މިވަނީ ހާއްސަ ސަމާލުކަމެއް ލިބިފައެވެ. "ދަ ތްރީ ޑަމްބެލްސް" ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން އާންމުކޮށްފައިވާ ޓިކްޓޮކުގައި ފެންނަނީ ފިރިހެން ފަތުރުވެރިއަކު ކޮޑަކިޅި ހުރަސްކުރަން އުޅުމުގެ ތެރޭގައި ކިޅި ތެރެއަށް ގަނބައިގަންނަ ތަނެވެ.

އެ ފަތުރުވެރިޔާ ފައިވާނާ އެއްޗެހި ބޭލުމަށްފަހު ރަނގަޅަށް ތައްޔާރުވެލީ އަނެއް ފަރާތުގައި ފެން ނެތް ތަނަށް އެރުމަށެވެ. އެހެންނަމަވެސް އެތަނަށް ނޭރި ފަތުރުވެރިޔާ އެފަދަ ކަމަކަށް ތައްޔާރު ނުވެ ހުއްޓާ ގަނބައިގަތީ ކިޅި ތެރެޔަށެވެ.

https://vm.tiktok.com/ZSJsrhEaj/

މި ޓިކްޓޮކް ވީޑީއޯއަށް މިހާތަނަށް 4.1 މިލިއަން ވިއުސް ލިބިފައި ވާއިރު 83.3 ހާސް ކޮމެންޓު ލިބިފައި ވެއެވެ. އަދި 373.9 ހާސް މީހުން ވަނީ މި ވީޑިއޯ ޝެއާވެސް ކޮށްފައެވެ.

ކިޅިއަށް ވެއްޓުނު ވީޑިއޯއަށް ފަހު "ދަ ތްރީ ޑަމްބެލްސް" އިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފަތުރުވެރިޔާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

މި ފަތުރުވެރިޔާ އަކީ ފުވައްމުލަކަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް އުޅޭ ފަތުރުވެރިއެކެވެ. އޭނާގެ ޓިކްޓޮކް އެކައުންޓުގައި ފުވައްމުލަކުގެ ރީތި މަންޒަރުތަކާ ކަނޑު އަޑިން ނަގައިފައިވާ ރީތި މަންޒަރުތައް ފެންނަ ވީޑިއޯ އެބަހުއްޓެވެ.