މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު މުހައްމަދު (25އ) މާލެ އައުމުން ކަރެކްޝަންސްއާ ހަވާލު ކޮށްފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހޯދަން އިއުލާން ކުރި މިސްބާހް މިއަދު ވަނީ މާލެ އައިސްފައި ކަމަށެވެ. އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފިޒް ކުރުމަށް ކަރެކްޝަންސް އާ ހަވާލުކޮށްފައި ކަަމަށެވެ.

ހަމައެއާއެކު މިސްބާހު ޕާކިސްތާނަށް ދިއުމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައި ވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކައެވެ. އޭނާ ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިރުފާން އާއި މިސްބާހު ދުބާއީއަށް ފުރުމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އިރުފާން ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާއި ނަމަވެސް، އިރުފާން ތަގިއްޔުއާ އެކު މިސްބާހް އައިސްފާ ނުވާ ކަމަށެވެ. އަދި، މިސްބާހު ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ދިޔަކަން ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިސްބާހު ޕާކިސްތާނަށް ގޮސްފައި ވަނީ، ރާއްޖެ އެތެރެކޮށްފައި ވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައި ވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިވާހަކަތައް ބުނެފައިވާ އިރު މިސްބާހު ވަނީ މި ކަންކަނަ ދޮގު ކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑީއޯގައި އޭނާ ބުނެފައި ވަނީ ފުލުހުން ހަދަނީ ދޮގު ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ، މިސްބާހު އާ ގުޅޭ މައްސަލައިގައި މީގެ ކުރިން ފުލުހުންގެ ފަރާތުން ހާމަ ކުރި މައުލޫމާތަކީ ފުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތެއް ކަަމަށެވެ.