މެއި މަހު ކޮވިޑް ފެތުރުން ހުއްޓުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެޅި ފިޔަވަޅުތަކާ އެކީ ޖުަލައި މަހާ ހަމައަށް އައި އިރު ވަނީ ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޭސްތައް ދަށަށް ގޮސްފައެވެ. އެހެންކަމުން މި މަހުގެ 20 ވަނަ ދުވަހު އައި އަޟްހާ އީދާ ދިމާކޮށް ރަށްރަށަށް ދިއުމުގަ އާއި އީދު ކުޅިވަރު ކުޅެވޭ ގޮތަށް ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް އެއީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދިން ލުއިތަކެކެވެ.

އެގޮތުން އީދު ކުޅިވަރުގެ ފޯރީގައި އެތައް ބަޔަކު ވަނީ ރަށްރަށަށް ދަތުރު ކޮށްފައެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއްގައި ފޯރިއާ އެކު އީދު ކުޅިވަރު ކުޅުނު އަޑުތައް ގަދަވެ ގިނަ ބަޔަކު ވަނީ އެރަށަށް ކުޅިވަރު ކުޅެން ހުއްދަ ލިބުނު ގޮތާ މެދު ސުވާލު އުފައްދާފައެވެ.

މޮނިޓަރިންގައި އޮތް ތ. ކިބިނދޫގައި ކުރީ ކީއް؟

އެއީ ތ. ކިނބިދޫގެ ވާހަކައެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއީ އަޟްހާ އީދު ދުވަސް ކަމުން އެފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަށް އެ ރަށުގެ ރައްޔިތުން ތިބީ ތައްޔާރުވެގެން ނޫނެވެ. 1،400 މީހުންގެ އާބާދީއެއް އޮތް ކިނބިދުއަކީ އީދު ފަދަ މުނާސަބާތައް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން އަންނަ ރަށެވެ. އެގޮތުން މި އަހަރުގެ އަޟްހާ އީދުވެސް އެރަށުގެ ކުދިބޮޑު އެންމެން އެކުވެގެން ވަނީ ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.

"އަޅުގަނޑު އެޗްޕީއޭގެ އިސް ބޭފުޅަކާ ވާހަކަ ދެއްކިން، އެ ބޭފުޅާ ވިދާޅުވީ، އެޗްޕީއޭގަ އޮންނާނޭ އީދާ ގުޅިގެން ވަކި ގައިޑްލައިނެއް، ހަމަ އޭގެ ދަށުން ކިނބިދޫގައި ވެސް އަމަލު ކުރަމުން ގެންދާށޭ. ދެން އަޅުގަނޑު ބުނިން ރަށް މިއޮތީ މޮނިޓަރިންގައޭ. ދެން މޮނިޓަރިންގައި އޮތީމަ ކިނިބީދޫއަށް އަރާފެބުމުގެ ކަންކަން އަންނާނޭ. ދެން ބުނުއްވި އެޗްޕީއޭއިން އެންގިތޯއޭ އީދު ކުޅުން ހުއްޓުވަން. މިހެން ވިދާޅުވީ އެޗްޕީއޭގެ މަތީ ލެވެލްގެ ބޭފުޅެއް. ކޯލް ސެންޓަރަކާ ނޫން އަޅުގަނޑު ވާހަކަ ދެއްކީ"
ކިނބިދޫ ކައުންސިލުގެ ރައީސް އަލީ ހުސައިން

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކިނބިދޫ ކައުންސިލުގެ ރައީސް އަލީ ހުސައިން ވިދާޅުވީ، އީދަށް އެރަށް ވަނީ މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ކަމަށެވެ. ކަން މިހެން ދިމާވުމުން އޭނާ ވަނީ އެޗްޕީއޭގެ އިސް ފަރާތަކާ ވާހަކަ ދައްކަވާފައި ކަމަށާއި އަދި އީދު ފާހަގަ ކުރަން ތައްޔާރުވެގެން ތިބި އެ ރަށުގެ ރައްޔިތުންނަށް ކުޅިވަރު ކުޅެވިދާނެ ތޯ ބަލަން ސުވާލު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ ވާހަކަ ދެއްކެވީ އެޗްޕީއޭގެ ކޮން ބޭފުޅަކާ ކަން އޭނާ ހާމައެއް ނުކުރައްވައެވެ.

އެޗްޕީއޭގެ އިސް ފަރާތަކުން އޭނާއަށް އެކަން ސާފުކޮށް ދެއްވަމުން ވަނީ މޮނިޓަރިންއަށް ބަދަލުކޮށް ދިން ލިޔުމުގައި އީދު ކުޅިވަރު ނުކުޅުމަށް އެދިފައި އޮތްތޯ އައްސަވާފައި ކަމަށް އަލީ ވިދާޅުވިއެވެ. އެހެން ނެތް ނަމަ މޮނިޓަރިންގެ ހާލަތުގައި އޮތުމަކުން އީދު ކުޅިވަރު ކުޅުން މަނާ ވެގެން ނުދާނެ ކަމަށް ވެސް އެޗްޕީއޭގެ އިސް ފަރާތަކާ ހަވާލާދެއްވައި އަލީ ވިދާޅުވިއެވެ. އަދި އީދާ ގުޅިގެން އަމަލު ކުރަންޖެހޭ ގައިޑްލައިނެއް އެޗްޕީއޭ އިން ނެރެފައިވާނެ ކަމަށާއި އެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމުން ނިމުނީ ކަމަށް ވެސް އެފަރާތަކާ ހަވާލާ ދެއްވަމުން އަލީ ވިދާޅުވިއެވެ.

ތ. ކިނިބިދޫ ރައްޔިތުން ބޮޑު ކުނބުސް ތައްޔާރު ކުރުމުގެ ތެރެއިން / ފޮޓޯ ސޯޝަލް މީޑިއާ
"ކުޑަކުއްޖާ ޕޮޒިޓިވްވި އިރު އެ ބަބްލް ވެސް އުޅެނީ ވަރަށް ކުޑަކޮށް، އެ ކުއްޖާގެ ޑައިރެކްޓް ކޮންްޓެކްޓް އެކަކުވެސް ޕޮޒިޓިްއެއް ނޫން. މިހުރިހާ ކަމަކާ ބިނާކޮށް އެޗްޕީއޭއާ އަޅުގަނޑު ވާހަކަ ދެއްކިން. ދެއްކީމާ ވިދާޅުވި އީދުގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދާށޭ"
ކިނބިދޫ ކައުންސިލުގެ ރައީސް އަލީ ހުސައިން

މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އީދު ކުޅިވަރު މަނާ ކުރަން ކައުންސިލުން ބޭނުން ނުވި ކަމަށާއި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކޮށްފައިވާނެ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ، އެރަށް މޮނިޓަރިންއަށް ލީ އެ ރަށުން ތުއްތު ކުއްޖަކު ޕޮޒިޓިވްވުމުން ކަމަށާއި އެ ކުއްޖާއާ ކޮންޓެކްޓްވި މީހުން ހިމެނޭ ގޮތަށް ނެގި 26 ރެންޑަމް ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވްވެފައި ވާތީ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭނެ ކަމުގެ ބިރު ނެތް ކަމަށް އަލީ ވިދާޅުވިއެވެ. މިއަދު ވެސް އިތުރު ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނަނީ ކީކޭ؟

މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު "ދަ ޕްރެސް" އަށް ވިދާޅުވީ، މޮނިޓަރިންގައިވާ އެއްވެސް ރަށެއްގައި އީދު ކުޅިވަރު ކުޅުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައި ނުވާނެ ކަމަށެވެ. އިތުރަށް ތަފްސީލް ކޮށްދެމުން ތަސްލީމާ ވިދާޅުވީ، ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލު ކުރާ އިރު އެޗްޕީއޭ އިން ދޭ ލިޔުމުގައި ސީދާ ކަނޑައެޅިގެން އީދު ކުޅިވަރު ނުކުޅެވޭނެ ކަަމަށް އަދި ކުޅެވޭނެ ކަމަކަށް ވެސް ބަޔާންކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށެއްގައި މީހުން އެއްވެ އުޅުމަކީ މަނާ ކަމެއް ކަމަށާއި އެ ފަދަ ރަށްރަށުގައި ކުޅިވަރު ކުޅުން މަނާ ވުމަކީ އަބަދު ވެސް އެޗްޕީއޭ އިން އަންގާ ގޮތް ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

"މޮނިޓަރިންއަށް ލާ ރަށަކަށް ކުޅިވަރު ކުޅުމުގެ ހުއްދައެއް ނޯންނާނެ. މުބާރާތްތަކާ އެއްޗެހި ވެސް ނުބޭއްވޭނެ. މޮނިޓަރިންއަށް ލާ ރަށެއްގެ ލިޔުމުގައި ނޯންނާނެ އީދު ކުޅިވަރު ކުޅެވޭނެއެކޭ ވެސް ނުކުޅެވޭނެއެކޭ ވެސް"
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު

ތެދެކެވެ. މޮނިޓަރިންއަށް ދިން ލިޔުމުގައި އީދު ކުޅިވަރު މަނާކޮށްފައެއް ނެތެވެ. ހަމައެފަދައިން އެ ލިޔުމުގައި އީދު ކުޅިވަރު ކުޅެވޭނެ ކަމަކަށް ވެސް ބަޔާން ކޮށްފައެއް ވެސް ނެތެވެ. ނަމަވެސް މޮނިޓަރިން ލިޔުމަކީ، އީދު ކުޅިވަރާ ބެހޭ ލިޔުމެއް ނޫންކަމާއި މޮނިޓަރިންގައި އޮންނަ ރަށަކުން ކަންކުރަންޖެހޭ ގޮތުގެ ވަކި ލިޔުމެއް އޮވެއެވެ.

މޮނިޓަރިންގައި އަމަލު ކުރަން ޖެހެނީ ކިހިނެއް؟

މިހާލަތުގައި ދެން މޮނިޓަރިންއަށް ބަދަލު ކުރާ ރަށްރަށުން އަމަލު ކުރަންޖެހޭ ކަންކަމަށް ބަލާލަމާ ހިނގާށެވެ. އެ ފަދަ ރަށްރަށުންގައި ގިނަ ކަންތައްތަކެއް މަނާ ކޮށްފައި އެބަހުއްޓެވެ. މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެ އުޅުން މަނާވުމާއި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް އަންގާފައި އޮވެއެވެ.

ތ. ކިނިބިދޫ ރައްޔިތުން އީދަށް ތައްޔާރު ވަނީ / ފޮޓޯ: ކިނބިދޫ ކައުންސިލް

މިހެން ވެއްޖެ ނަމަ މޮނިޓަރިންއަށް ބަދަލުކުރަން ދޭ ލިޔުމުގައި އީދު ކުޅިވަރު ކުޅުން މަނާކަމަށް ނުބުނި ކަމުގައި ވިޔަސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ކުޅިވަރު ކުޅުމަކީ މަނާ ކަމެއްކަން ނޭނގޭ ހެއްޔެވެ. ނަމަވެސް ލިޔުމުގައި ސީދާ އިބާރާތުން ވަކި ކަމެއް ކުރަން ނާންގާ ނަމަ އެއީ އެކަމެއް މަނާ ކުރުން ނޫން ކަމަށް ދެކިގެން އުޅެން ވެއްޖެ ނަމަ ކޮވިޑުން އަރައިގަނެވޭނެ ދުވަހެއް ފެންނާނެ ކަމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހެއެވެ.

ރަށެއް މޮނިޓަރިންއަށް ލާ އަންގާ އެންގުންތަކަކީ އަލަށް އެޗްޕީއޭއިން ކުރާ ކަމަކަށް ނުވާއިރު ރަށެއްޖެ އިދާރީ އެންމެ އިސް ވެރިން (ކައުންސިލަރުންނަށް) މޮނިޓަރިންގެ ލިޔުމުގައި އޮންނަ އެއްޗެއް ނޭނގުނީމައި ރާއްޖޭގެ ހުރިހާ ރަށެއްގެ ހާލަތު ބަލަން އެބަޖެހޭތާއެވެ.

ކޮވިޑް ބަލި ރާއްޖެއިން ފެނުނު ތާ 503 ދުވަސް ވެފައިވާ އިރު އެ މުއްދަތު ތެރޭގައި 218 މީހުން މަރުވުމަކީ މި ބަލީގެ ސީރިއަސް ކަން އަންދާޒާ ކޮށް އެޗްޕީއޭގެ އެންގުންތަކަށް ބޯލަނބައި ކޭސްތައް އިތުރުވުމުން ހުއްޓުވަން އަތުކުރި އޮޅާލަން ވީ ވަގުތެވެ. އެހެންނޫނީ އީދު ބަންދަށް ފަހު އަނެއްކާ ވެސް ކޭސްތައް އިތުރުވެ ގޭ ބަންދު ވާން ޖެހިއްޖެ ނަމަ ތަކުލީފް ވާނީ އާންމުންނަށެވެ.