ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިހާރު ވިދާޅުވަނީ ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު "ސޯލިހުގެ ސަރުކާރެކޭ ޖަވާބު ނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތް" ކަމަށް ވިދާޅުވެ ރައީސް ސޯލިހުގެ ސަރުކާރަށް ޖޯކު ޖައްސަވަމުން މަލީހު ވިދާލުވަނީ މިސަރުކާރު އޮތީ ނުހިނގާ ހުއްޓިފައި ކަމަށެވެ. އެމްޑީޕީގެ ބައިބައިވުމަށް އިޝާރާތް ކުރައްވަމުން، އިންސާފުގެ ދަތުރުގެ އޮޑި ކަނޑުފެތި އޮޑީގެ ބައިތައް ރަށްރަށަށް ލައްގަމުން ދާ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ. އިންސާފުގެ ދަތުރަކީ އެމްޑީޕީގެ ސްލޯގަންއެކެވެ.

މަލީހު ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވާ އިރު އޭނާ މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ އަނެއްކާ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ކުރިން ޕީޕީއެމްގައި ހުންނަވައި، ޖޭޕީއަށް ވަޑައިގެން، ޖޭޕީގެ ސްލޮޓުގައި ސޯލިހުގެ ސަރުކާރުން މިނިސްޓަރުކަން ކަށަވަރު ކުރެއްވިއެވެ.

މަލީހު ވަނީ މީގެ ކުރިންވެސް ޕީޕީއެމްއާއެކު މަސައްކަތް ކުރައްވާފައެވެ. ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުންނެވި އިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ޔޫތު މިނިސްޓަރު މަގާމުގައެވެ. އެހެން ނަމަވެސް އޭރު އެ މަގާމުން މަލީހް ވަކިކުރެއްވުމުން މަލީހް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމުގެ ކެމްޕޭންގައި މާބޮޑު ދައުރެއް އަދާ ނުކުރައްވާ މަލީހަކީ، އެމްޑީޕީ، ޖޭޕީ ކޯލިސަންގެ ތެރެއިން ވަޒީރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އޭރު މަލީހު އާއި ކުރީގެ ހެލްތު މިނިސްޓަރި އަބްދުﷲ އަމީންއާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ "ވައި ކުޑާގައި ފައިބެ ވަޒީރުކަން ހޯދި" ޖޭޕީގެ 3 ބޭފުޅުންގެ ގޮތުގައި އޮތީ މަޝްހޫރުވެފައެވެ. ސަރުކާރުގެ ކޯލިޝަންގައި ޖޭޕީ ސްލޮޓަކުން މަލީހުއަށް ލިބިވަޑައިގަތީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމެވެ. އޭރު މަލީހު ތައުރީފު ކުރެއްވީ ރައީސް ސޯލިހަށެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ނުލިބި ގިނަ ދުވަސްތަކެއް ވަމުން ދާތީ ގިނަ ބަޔަކުގެ ފާޑުކިޔުން މަލީހަށް އަމާޒުވިއެވެ. އަދި މަލީހު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށް، މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުން އޭނާ މިނިސްޓަރު ކަމުން ވަކިކުރިއެވެ. މަގާމުން ވަކިކުރި ފަހުން މަލީހު ވަނީ އޭރު ހުންނެވި ޖުމްހޫރީ ޕާޓީން ހަމަ އެމަހުގެ 10 ވަނަ ދުވަހު ވަކިވެވަޑައިގެންފައެވެ. އެހެން ނަމަވެސް އޭރު އިދިކޮޅު ޕާޓީއާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ އޭނާ އަލުން ޕީޕީއެމް އަށް ސޮއި ކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށްޓަކައި ކަމަށެވެ. އެގޮތުން މަލީހް ވަނީ ރައީސް ޔާމީން ވަގުތުން މިނިވަންކޮށް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.