ޑަބްލިއުއެޗްއޯ އިން އެމަޖެންސީ ޔޫސްއަށް ލިސްޓްކޮށްފައި ވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކުރިތާ 14 ދުވަސް ނުވާ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ނުވެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެޗްޕީއޭ އިން ވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސް ތަކަށް ޗެކްއިން ވުމާ ގުޅޭގޮތުން އަމަލު ކުރަން ޖެހޭ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނެފައި ވަނީ އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ބަޔާންކޮށްފައިވާ ގޮތްތަކަށް އަމަލު ކުރަން ވާނެ ކަމަށެވެ.
އެގޮތުން މީހުން ދިރިއުޅެ ރަށްރަށުގައި ހުންން ގެސްޓްހައުސްތަކަށް ޗެކްއިންވާ ފަތުރުވެރިއެއް ނަމަ، ޑަބްލިއުއެޗްއޯއިން އެމްޖެންސީ ޔޫސްއަށް ލިސްޓްކޮށްފަިއވާ ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ވެފައިވާ މީހަކަށް ވާން ޖެހެނެ ކަމަށް ބުނެފައި ވެއެވެ. އެގޮތުން ގެސްޓްހައުސްތަކަށް ޗެކްއިން ކުރާ އިރު، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާ އެކު ދަތުރު ކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނަށް ޗެކްއިން ވެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހަމައެއާއެކު ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ވާނެ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކްއައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ގެސްޓްހައުސް ހުންނަ ރަށުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވުމުން ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަ ނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކްއިން ވުމަށް ހުޅުވާލެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާރު ރާއްޛޭގައި ގިނަ ބަޔަކު ވެކްސިން ޖަހާފަިއވާ އިރު، ގެސްތްހައުސްތައް ހިންގާ ރަށްރަށުގައި ވަކި ކަންކަން ފުރިހަމަ ވުމުން އެ ރަށެއްގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ޗެކްއިން ވާއިރު ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ފުރހަމަ ވާން ޖެހޭ ކަންކަމަކީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައި ވުމާއި ރަށުގައި ފަތުރުވެރިން ނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވުން ހިމެނެއެވެ. ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިންގެ ޖަހަން ޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.