ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަހު އިންޑިއާ އިން ފެންނަން ފެށި ބްލެކް ފަންގަސް ޖެހި، އެ ގައުމުން މަރުވި މީހުންގެ އަދަދު، 4300 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު މަންސުހް މަންދަވިޔާ ވިދާޅުވީ، ވަރަށް މަދުން ނޫނީ ނުފެންނަ، އިންތިހާއަށް ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސްގެ 45374 ކޭސް، އެ ގައުމުން ރިޕޯޓް ކޮށްފައި ވާ ކަމަށެވެ.

މީގެ ތެރެއިން 2 ބައިކުޅަ 1 ބައި މީހުން އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

ލޮލާއި ނޭފަތުގެ އިތުރުން ބައެއް ފަހަރު ސިކުނޑިއަށްވެސް ހަމަލާ ދޭ ބްލެކް ފަންގަސް ބަލި، މިހާރު އެންމެ އާންމުކޮށް ފެންނަނީ ކޮވިޑް ޖެހި، ރަނގަޅުވެފައި ވާ ނުވަތަ ރަނގަޅު ވަމުން އަންނަ މީހުންގެ ހަށިގަނޑުންނެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ބްލެކް ފަންގަސް އަކީ، ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ސްޓްރޮއިޑްސްއާ ގުޅުމެއް އޮތް ބަލިމަޑުކަމަށް ވާއިރު، ހަކުރު ބަލީގެ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

ބްލެކް ފަންގަސްގެ އަސަރު ކޮށްގެން އިންޑިއާއިން 4300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ހަގީގީ އަދަދުތައް ކަށަވަރު ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެ. ކޭސް ދެނެގަތުމަށް ކުދި ހޮސްޕިޓަލުތަކަށް ދަތި ވެފައި ވާއިރު، ބޮޑެތި ސިޓީތަކުގައި ހޮސްޕިޓަލަށް ރިޕޯޓް ކުރަނީވެސް ނިސްބަތުން މަދު ކޭސްތަކެއް ކަން ފާހަގަ ކުރަން ޖެހެއެވެ.