އެމްޑީޕީގެ ވޭމަންޑޫ ގޮފިން، ރައީސް ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ޕާޓީ އިން ވަކި ކުރުމަށް ގޮވާލައިފިއެވެ.

ވޭމަންޑޫ އެމްޑީޕީ ގޮފިން ބުނީ އަސާސީ ގަވާއިދުގައިވާ ގޮތުން އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.

އަދި ދެވަނަ ދައުރެއް ރައީސް ސޯލިހު ބޭނުންފުޅުވާނަމަ ވެސް އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީއަކާ ނުލައި މީގެ ކުރިން ވެސް ނަޝީދަށް 2013 ގެ ޓިކެޓް ދިން ފަދައިން 2023 ގެ ޓިކެޓް ދޭންޖެހޭ ކަމަށެވެ.

އެ ގޮފިން އިތުރަށް ބުނެފައިވަނީ އެމްޑީޕީ އިން މީގެ ކުރިން ރީކޯ މޫސައާއި އަލްހާނު ފަހުމީ ވަކި ކުރި އުސޫލުން ރައީސް ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފު ވަކި ކުރުމަށެވެ. އަދި އިދިކޮޅު ޕީޕީއެމް އާ ގުޅިގެން ސަރުކަރާ ދެކޮޅަށް ކޯލިޝަން ހަދަން ރައީސް ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވާފައިވާ ކަމަށްވެސް ވޭމަންޑޫ އެމްޑީޕީ ގޮފިން ބުނެއެވެ.

ދާދި ފަހުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ ސްޓޭޓްމަންޓެއް ނެރުއްވާފައެވެ. އެ ސްޓޭޓްމަންޓްގައި ރައީސް ސޯލިހަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާ ސަރުކާރަށް ވެސް ނުފޫޒު ފޯރުވަނީ އަދާލަތު ޕާޓީ އިން ކަމުގައެވެ.