މިއަދު 169 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ވެފައި ވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 24 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 127 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 15 މީހެއްގެ އިތުރުން ލިވަބޯޑުން 3 މީހެއް ކަމަށެވެ. މިއާއެކު މިމަހު އެކްޓިވް ކޭސްގެ ޖުމްލަ އަދަދު ވަނީ 2619 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ފެންނަން ފެށިތާ މިއަދާ ހަމައަށް 500 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 62157 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 168 މީހަކު މަރުވެފައެވެ.

ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މި އަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34،561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9،402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.

ކޮވިޑް ކޭސްތައް މަދުވަމުން އައުމާ އެކު މިމަހުން ފެށިގެން ސަރުކާރުން ލުއިތައް ދިނުމާއެކު މިހާރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ޗުއްޓި ހޭދަ ކުރަން ރަށަށް ދިއުމަށް ދަތުރު ކުރަމުންނެވެ. މާދަމާއަކީ އަޟްހާ އީދު ފާހަގަ ކުރާ ދުވަސްކަމުން އެޗްޕީއޭއިން ވަނީ އީދު ފާހަގަ ކުރަން ބާއްވާ ކުޅިވަރުތަކާއި ހަފްލާތަކުގައި އާންމުން އެއްތަނަކަށް ގިނައިން އެއްވެ އުޅުން މަނާ ކޮށްފައެވެ.