ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.

މިތިން ބޭފުޅުން ޕީޕީއެމްއަށް ސޮއިކުރެއްވީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ތިން ބޭފުޅުންގެ މެންބަޝިޕްގެ ފޯމް ހަވާލުވެވަޑައިގަތީ ޕީޕީއެމް / ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު މަލީހް މިރޭ ވިދާޅުވީ އޭނާ އަލުން ޕީޕީއެމް އަށް ސޮއި ކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށްޓަކައި ކަމަށެވެ. އެގޮތުން މަލީހް ވަނީ ރައީސް ޔާމީން ވަގުތުން މިނިވަންކޮށް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

މަލީހް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. ނަމަބެސް އޭގެ ކުރިން އޭނާ ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުންނެވި އިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ޔޫތު މިނިސްޓަރު މަގާމުގައެވެ.

މިތިން ބޭފުޅުންގެ ތެރެއިން އަހްމަދު އަބްދުލްކަރީމް މިހާތަނަށް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. އޭނާ ވަނީ މާލޭ ސިޓީގައި އެމްޑީޕީގެ ކައުންސިލަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރައްވާފައެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އިންތިހާބު ކުރުމަށްޓަކައި ރުކުމާ އަހްމަދު ވަނީ މުއިއްޒުއާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައެވެ.

ލޯޔަރު ވައްޑޭ މިހާތަނަށް ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އެކަމަކު ޖޭޕީ އަށް ސޮއި ކުރެއްވުމުގެ ކުރިން ވައްޑޭ ހުންނެވީ ޕީޕީއެމް ގައެވެ.