ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ހުދުމުހުތާރު ބޭފުޅެއްކަމަށާއި އެފަދަ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ކަމުނުދާނޭކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީއަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ޑރ. އިޔާޒު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތުގެ ބިލާއި ދެކޮޅަށް 123 ކައުންސިލާއި، 100 އަށްވުރެގިނަ ޖަމިއްޔާއާއި، މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ އިތުރުން، ދިވެހި ގިނަ ރައްޔިތުން ދެކޮޅުކަން ހާމަކޮށްފައިވާކަމަށެވެ. ނަމަވެސް އެ ހުރިހާ އެންމެންނަކީ ޓެރަރިސްޓުންގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވުމުން އެނގެނީ ތަފާތު ފިކުރުތަކުގެ ހިޔާލު އަޑުއެހުމުގެ ގާބިލްކަން އެމަނިކުފާނުގެ ކިބައިގައި ނެތްކަން ކަމަށް އިޔާޒް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ރިޔާސަތަށް ކަމުދާ ބޭފުޅެއް ނޫންކަމަށް އިޔާޒް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ހުރިހާ ނިންމެވުމެއްގެ މައްޗަށް ބަސް ކިޔާ ބަޔަކީ އަދާލަތު ކަމަށާއި، އެއީ ކުޑަކުޑަ ޕާޓީއަކަށް ވުމުގެ އިތުރުން "ވޯޓެއްވެސް ލިބޭ ބައެއް ނޫން" ކަމަށާއި އަދި ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ "ޕްރޮގްރޮސިވް" ވިސްނުމަށް ކަމަށާއި އެމީހުންނަކީ އަމިއްލަ މިނިވަން ކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން މިޔުޒިކާއި ސަގާފީ އަދި އިގުތިސޯދީ ކުރިއެރުމަށް ވޯޓު ދިން މީހުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ވޯޓު ދިން މީހުން ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓު ނުދޭ ކަމަށާއި، އެއީ އަދާލަތު ކަމަށް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.

މިކަމަށް ރައްދު ދެއްވާ އަދާލަތު ޕާޓީން ބުނީ ދިވެހި ރައްޔިތުންނަކީ ހަރުކަށިފިކުރުގެ ބައެއް ކަމަށް ވިދާޅުވެގެން ރައީސް ނަޝީދު ސިޔާސީ މަންފާއެއް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށެވެ.

އަދާލަތުން ބުނީ ބ. ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި "ނަފްރަތުގެ ބިލް" އަށް އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ހުޅުވާލި ފުރުސަތުގައި އެޕާޓީންވެސް ހިޔާލުތަކެއް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި އެބިލު، ނަފްރަތު އުފެއްދުން މަނާ ކުރާ އދ ގެ ގައިޑްލައިންއާ ހިލާފުވާ ކަމަށާއި އަދި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ލަފަޔާވެސް ހިލާފު ވުމުގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައި އޮންނަ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާވެސް ފުށޫ އަރާ ކަމަށް ބުނެފައި ވާނޭ ކަަމަށެވެ