ކީރިތި ރަސޫލާ އަރަފާތުގައި ދެއްވި ހުތުބާ ފެއްޓެވީ ވަރަށް ވެސް އަސަރު ގަދަ އިބާރާތަކުންނެވެ. އެއީ އެހާ ގިނަ އަދަދެއްގެ މުސްލިމުންނާއެކު އެއް ތަނަކުން، އެއަށް ފަހު ބައްދަލު ނުވެދާނެކަމުގެ އިޝާރާތް ދެއްވަމުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވާ ވަގުތު އަތުވެއްޖެކަމުގެ އިޝާރާތް ދެއްވަމުންނެވެ. އަރަފާތުގައި ޖަބަލުއްރަހުމާގައި ހުއްޓިވަޑައިގެން ހުތުބާ ފައްޓަވަމުން ވިދާޅުވިއެވެ.

އޭ މާތް ﷲ ގެ އަޅުތަކުންނޭވެ! ﷲ އަށް ތަގުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަސިއްޔަތްކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މިމަގާމުގައި ތިޔަބައިމީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެއެވެ.
ހައްޖަތުލް ވަދާއުގެ ހުތުބާގެ ތެރެއިން

ހިތްތައް ފަޅައިގެން ކުދިކުދި ވެގެންދާ ފަދަ އިބާރާތެކެވެ. އަމިއްލަ ފުރާނައާއި އަނބިދަރީންނަށް ވުރެ އިތުރު އެކަލޭގެފާނު ދެކެ ލޯބިވާ އަސްހާބު ބޭކަލުންނަށް ތަހައްމުލްކުރަން ދަތިވި އިބާރާތްތަކެވެ. އެބޭކަލުންގެ ލޯތަކުން ކަރުނަ އޮހޮރިގެން ދިޔައެވެ. ހުތުބާ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.

ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން / ފޮޓޯ: މީސްމީޑިޔާ

"މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ ﷲ އާއި ބައްދަލުވެއްޖައުމަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހަރާމްވެގެންނެވެ. އެއީ މި ދުވަސް (ހައްޖު ދުވަސް) އާއި މި މަހާއި (ހައްޖު މަސް) މި ރަށް (މައްކާ) ހުރުމަތްތެރި ކުރެއްވި ފަދައިންނެވެ. އެއްވެސް މީހަކާ އަމާނާތެއް ހަވާލު ކުރެވިފައިވާ ނަމަ އެ އަމާނާތް އޭގެ ވެރި ފަރާތާ ހަވާލު ކުރުން ހުއްޓެވެ. ދަންނާށެވެ! ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ އެންމެހާ ރިބަވީ މުއާމަލާތްތައް ބާތިލުވެގެންވެއެވެ. ތިޔަބައިމީހުންގެ މުދަލުގެ ރައުސްމާލު ވަނީ ތިޔައިމީހުންނަށެވެ. އަނިޔާވެރިވުމާއި އަނިޔާ ލިބިގަތުމެއް ނެތް ގޮތުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާތިލު ކުރާ ރިބާ އަކީ ބޮޑު ބޭބެ އައްބާސް ބިން އަބްދުލްމުއްތަލިބް ގެ ރިބަވީ މުއާމަލާތެވެ. އެކަންކަން ބާތިލްވެގެންވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

އޭ މީސްތަކުންނޭވެ! ނުޙައްގުން ލޭ އޮހޮރުމާއި އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ބަދަލު ހިފުން ބާތިލްވެގެންވެއެވެ. އޭ މީސްތަކުންނޭވެ! މާތް ﷲ ގެ ހަސްރަތުގައި އަހަރަކީ ބާރަ މައްސަރެވެ. އެއިގެ ތެރެއިން ހަތަރު މަހެއް ހުރުމަތްތެރި ވެގެންވެއެވެ. ( ޒުލްގައިދާ، ޒުލްހިއްޖާ، މުހައްރަމް، ރަޖަބް) ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބިންނާ މެދު ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ތަކެއްވެއެވެ. އަދި ތިޔަބައިމީހުންނާ މެދު އެކަނބަލުންގެ މައްޗަށް ވެސް ވާޖިބު ތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންނަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ. ފިރިން ނޫން ބަޔަކާ އެއްދާންކުރުމެއްނެތެވެ. އަދި ފިރިން ނުރެހޭ މީހުން އެކަނބަލުންނާ މުއާމަލާތު ކުރުމެއްވެސް ނެތެވެ. ފިރިން ނުރެހޭ މީހުން ފިރިންގެ އިޒުނައެއް ނެތި ގެއަށް ވެއްދުމެއް ވެސް ނެތެވެ. އެފަދަ ކަމެއް އެކަނބަލުން ކޮށްފި ނަމަ އެކަނބަލުންނާ ވަކިވެ ދުރުވުމަށް ތިޔަބައިމީހުންނަށް މާތް ﷲ އިޒުނަ ދެއްވާފައިވެއެވެ. އެކަނބަލުން ތެދުވެރިކަމާއެކު ވާ ނަމަ އެކަނބަލުންނަށް ހެޔޮކޮށް ހިތައި ހެޔޮ ގޮތުގައި ހަރަދު ބަރަދު ދިނުން ހުއްޓެވެ.

އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެކަނބަލުންނަކީ ތިޔަބައިމީހުންނާ ﷲ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ ﷲގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު ﷲ އަށް ބިރުވެތިވާށެވެ. އެކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަސިއްޔަތްކުރަމެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!
ހައްޖަތުލް ވަދާއުގެ ހުތުބާގެ ތެރެއިން
ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން / ފޮޓޯ: މީސްމީޑިޔާ

އޭ މީސްތަކުންނޭވެ! އެންމެހާ މުސްލިމުންނަކީ އަހުންނެވެ. އެކަކު އަނެކެއްގެ މުދާ އަހާގެ ރުހުމެއްނެތި ކެއުން ހުއްދަވެގެން ނުވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ! މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުންގެ ދީން ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރާށެވެ. ތިމަން ކަލޭގެފާނު ވަކިވެގެން ދަނީ ދެ އެއްޗެއް ދޫކުރައްވާފައެވެ. އެއީ ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ. އޭގައި ހިފަ ހައްޓައިފި ނަމަ ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ ﷲ އެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އާދަމުގެފާނެވެ. އާދަމްގެފާނު އުފެއްދެވީ މަށިންނެވެ. ﷲގެ ހަސްރަތުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެކަލާނގެ އަށް ތަގުވާވެރިވި މީހާއެވެ. ތަގުވާވެރިކަމުން މެނުވީ އަރަބީންގެ މީހަކަށް އަޖަމީންގެ މީހެއްގެ މައްޗަށް ވަކި މަތިވެރި ކަމެއް ނެތެވެ. އެންމެނަކީ ހަމަހަމަ ބައެކެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ

އޭ މީސްތަކުންނޭވެ! މާތް ﷲ ވަނީ ތަރިކަ މުދާ ބަހަންވީ ގޮތް ކަނޑައަޅުއްވާފައެވެ. ކޮންމެ ވާރިސަކަށް އޭނާގެ ހައްގު ލިބުން ހުއްޓެވެ. ވާރިސަކަށް މުދަލުން ވަސިއްޔަތެއް ނެތެވެ. މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދަކުން ވަސިއްޔަތް ކުރުމެއް ވެސް ނެތެވެ. ޒިނޭކުރި އަންހެނާގެ ދަރިލައްވާހުށީ ތައްމައްޗަށެވެ. އޭނާއަށް ވަނީ ﷲ ކަނޑައަޅުއްވާފައިވާ އުގޫބާތެވެ. އަމިއްލަ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށްފި މީހާއަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ފަރާތުން ލައުނަތް ހުއްޓެވެ. ވައްސަލާމް!

ދެން އެއްވެފައި ތިބި މުސްލިމުން ދެންނެވިއެވެ. ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވައިފިއެވެ. ތިމަންމެން އެކަމުގެ މައްޗަށް ހެކިވަމުއެވެ. ދެން ވިދާޅުވިއެވެ. މިތަނަށް ހާސިރުވި މީހުން، ހާސިރު ނުވާ މީހުންނަށް މި ވާހަކަތައް ފޯރުކޮށްދޭށެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށް ދަނީ ކޮވިޑާ ގުޅިގެން ގައިދުރުކަން ބަހައްޓައިގެން

ހައްޖުގެ ހުތުބާގައި އެކަލޭގެފާނު އިއްވެވި އަސަރުގަދަ ނަސޭހަތްޕުޅުތަކަކީ އިންސާނީ ހައްގުތަކުގެ އިސްލާމީ ޗާޓަރެވެ. އެ ހުތުބާގައިވަނީ އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމަތު ރައްކާތެރިކުރުމާއި މީސްތަކުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމާއި އަނބިންނަށް ހެޔޮކޮށް ހިތުމާއި ފިރިންނަށް ހެޔޮކޮށްހިތުމާއި މުދަލާއި އަބުރު ހިމާޔަތްކުރުމާއި ނަސްލީ ތަފާތު ނައްތާލުމާއި ރިބަވީ މުއާމަލާތްތައް ނައްތާލުމާއި މިފަދަ އެތައް އަސާސެއް ގާއިމު ކުރައްވާފައެވެ. ކީރިތި ރަސޫލާގެ ހައްޖަތުލްވަދާއުގެ ހުތުބާއަކީ އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އެތައް ގާރާރެއްގެ ރިފަރެންސެކެވެ.

މަސްޖިދުއް ނަބަވީގެ ބޭރުގައި ބަޔަކު ހަރަކާތްތެރިވަނީ / ފޮޓޯ: ދަ ޕްރެސް

ކީރިތި ރަސޫލާ ހައްޖުގެ ފަރުސް އަދާކުރެއްވުމަށް ފަހު މަދީނާ އަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަޖަލު ކުޑަތަންވަމުން ދިޔައެވެ. މުއާޒް ބިން ޖަބަލު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އިސްލާމްދީނަށް ގޮވާލައްވަން ޔަމަނަށް ވަޑައިގަންނަވަން ކީރިތި ރަސޫލާ އެދިވަޑައިގެންނެވިއެވެ. އަދި ތިމަންކަލޭގެފާނު ދަތުރަށް ނިކުންނަވަން މަދީނާގެ ރައްބޭރަށް ނިކުމެވަޑައިގަތުމާ ހަމައަށް ކީރިތި ރަސޫލާ ތިމަންކަލޭގެފާނުގެ އަރިހުގައި ނިކުމެވަޑައިގެންނެވިއެވެ. އަދި ތިމަންކަލޭގެފާނަށް އަލްވަދާއު ވިދާޅުވަމުން ސަލާމް ކުރައްވައި ވިދާޅުވިއެވެ.

އޭ މުއާޒެވެ! ފަހަރުގައި ކަލޭގެފާނު ޔަމަނުން މަދީނާއަށް އެނބުރި ވަޑައިގަންނަވާއިރު، ތިމަންކަލޭގެފާނާ ބައްދަލު ނުވެދާނެއެވެ. އެހެން ވެއްޖެ ނަމަ ތިމަން ކަލޭގެފާނުގެ މިސްކިތަށް ޒިޔާރަތް ކޮށްދެއްވާށެވެ! ތިމަންކަލޭގެފާނުގެ ގަބުރުފުޅުވާނީ އެތަނުގައެވެ.
ކީރިތި ރަސޫލާ މުއާޒްގެ ފާނަށް ދެންނެވި ބަސްފުޅު

އެ ވާހަކަ އަޑު އައްސަވައި މުއާޒް ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. ކަން ވީ ވެސް އެހެންނެވެ. މުއާޒް ޔަމަނުން އެނބުރި ވަޑައިގެންނެވި އިރު އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފިއެވެ.

ހަރަމްފުޅު ސަރަހައްދު ފެންނަ ޕެނަރޯމާއެއް / ފޮޓޯ: ދަ ޕްރެސް

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވީ ހިޖުރައިން އެގާރަ ވަނަ އަހަރު ރަބީއުލްއައްވަލު މަހުގެ ބާރަވީ ހޯމަ ދުވަހުގައެވެ. އެއީ ހައްޖަތުލްވަދާއުގެ ދެމަސް ދުވަސް ފަހުންނެވެ. އެކަލޭގެފާނުގެ ސުވަރުގެ ވަޑައިގަތް ދުވަހަކީ އިސްލާމީ އުންމަތަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. މަދީނާގެ ތެރޭގައި އޮތީ ގިސްލާ ރުއިމުގެ އަޑެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރީ އިމާމަކާ ނުލައެވެ. ތިން ދުވަސް ފަހުން ފަސްދާނު ލެވުނީ ސުވަރުގެ ވަޑައިގެންނެވި މަޤާމުގައެވެ. އެއީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން މުއުމިން ތަކުންގެ މަންމަ އާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ.

މާތް ﷲ އިތުރު އެކަލޭގެފާނުގެ ޝަފާއަތް އަޅަމެން އެންމެނަށް މިންވަރު ކުރައްވާންދޭވެ! އާމީން.