ވިލާތުގެ ބައެއް ގައުމުތަކަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރާގައި، ޖަރުމަނުވިލާތާއި ބެލްޖިއަމްއިން މަރުވި މީހުންގެ އަދަދު 170 އަށް އަރައިފިއެވެ.

ވިލާތަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ފުރި، ބަންޑުވެގެން ކުއްލި ގޮތަކަށް ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައެވެ.

މިހާރު ކުރަމުން ދާ ވިއްސާރައަކީ، ފާއިތުވީ ބައި ގަރުނެއް ހާ ދުވަހުގެ ތެރޭގައި ޖަރުމަނުވިލާތް ދުށް އެންމެ ގަދަ ވިއްސާރައެވެ. މި ވިއްސާރާގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 143 އަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންތިހާއަށް ފެންގަނޑު ބޮޑުވެފައި އޮތުމުގެ އިތުރުން މުއާސަލާތީ ހިދުމަތްތައް މެދުކެނޑިފައި ވާއިރު، އެތައް ސަތޭކަ ބަޔަކަށް ވީނުވީއެއްވެސް އަދި ނޭނގޭ ކަމަށް ހަބަރު ލިބެއެވެ.

ބެލްޖިއަމްއިން މަރުވި މީހުންގެ އަދަދު 27 އަށް އަރާފައި ވާއިރު، ވީނުވީއެއް ނޭނގި، ހަބަރެއް ވެފައި ނުވާ މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައެވެ. ހަބަރެއް ނުވާ ބައެއް މީހުންނަކީ ފޯނު ޗާޖު ކުރެވޭނެ ގޮތެއް ހަބަރު ނުވާ މީހުންނާއި، ކާކުކަން އަންގައިދޭ ލިޔުމަކާ ނުލާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންނަށް ވުން ގާތް ކަމަށް، ބެލްޖިއަމްގެ ގައުމީ ކާރިސާތަކާ ބެހޭ މަރުޖަޒުން ހަބަރު ދެއެވެ.

ވިލާތަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރައާ ގުޅިގެން ނެދަލަންޑްސްވެ ވަނީ އެލާޓަށް ގެނެސްފައެވެ. އެ ގައުމުން އެތައް ސަތޭކަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

ސައެންސްވެރިން ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، ގަދަ ވިއްސާރައާ ކުރިމަތިލާން ޖެހުން އެކަށީގެން ވާ ކަމަށް އިންޒާރު ކޮށްފައެވެ. ނަމަވެސް، ވިލާތަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައަކީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅުން އޮތް ކަމެއް ކަން އަދި ކަނޑައެޅިގެން ބަޔާން ކުރެވިފައެއް ނުވެއެވެ.