އަފްގާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ނަޖީބު އަލީހިލްގެ އަންހެން ދަރިފުޅު ރަހީނުކޮށް، ބޮޑެތި އަނިޔާތަކެއް ދީފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މި ޖަރީމާ ހިންގާފައި ވަނީ ކޮން ބައެއް ކަން އަދި ސާފު ވާ ގޮތެއް ނުވެއެވެ.

އަފްގާން ސަފީރުގެ އަންހެން ދަރިފުޅު، ސިލްސިލާ އަލީހިލް ރަހީނު ކޮށްފައި ވަނީ، އޭނާ ގެއަށް ދިޔަ މަގުމަތީގައި، ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަފްގާނިސްތާނުގެ ފޮރިން މިނިސްޓްރީއިން ބުނީ، ސިލްސިލާ އަލީހިލްއަށް ލާއިންސާނީ އަނިޔާތަކެއް ދީފައި ވާ ކަމަށާ، މި މައްސަލާގައި އަފްގާނިސްތާނުން ޝަކުވާ ހުށަހަޅާނެ ކަމަށެވެ.

އަވަށްޓެރިންގެ ގޮތުގައި އޮތް އަފްގާނިސްތާނާއި ޕާކިސްތާނުގެ ދޭދޭ ގުޅުން އިންތިހާއަށް ހީނަރު ވަމުން އަންނަ ތާ ދުވަސްތަކެއް ވެއްޖެއެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އަދި 30 އަހަރު ފުރިފައި ނުވާ ސިލްސިލާ އަލީހިލްއަށް އަނިޔާ ކޮށްފައި ވަނީ، އޭނާ ދަތުރު ކުރަމުން ދިޔަ ކާރަށް އެރި ބައެކެވެ.

އަފްގާނިސްތާނުގެ ފޮރިން މިނިސްޓްރީއިން ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށް، ޑިޕްލޮމެޓުންނާއި ޑިޕްލޮމެޓުންގެ އާއިލާތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމަށް ޕާކިސްތާނަށް ގޮވާލާފައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން ބުނީ، ސަފީރުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވާ ކަމަށެވެ. ޕާކިސްތާނުގެ ދަހިލީ ވަޒީރު، ޝައިހް ރާޝިދު އަހުމަދު ވިދާޅުވީ، މި ކަމުގެ ފަހަތުގައި ވާ ފަރާތްތައް، ވީ އެންމެ އަވަހަކަށް ހައްޔަރު ކުރަން، ބޮޑު ވަޒީރު އިމްރާން ހާން ބޭނުންފުޅުވާ ކަމަށެވެ.

ހީނަރު ގުޅުންތަކެއް އޮންނަ ޕާކިސްތާނާއި އަފްގާނިސްތާނުގެ ގުޅުން، ފާއިތުވީ ދުވަސްތަކުގައި އޭގެ އެންމެ އިންތިހާއަށް ހީނަރު ވާން ފަށާފައި ވަނީ، އަފްގާނިސްތާނުގައި ހަމަނުޖެހުންގަނޑު ގަދަ ވާން ފެށުމާ އެކުގައެވެ.

އަފްގާނިސްތާނުގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، އެ ގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދެނީ ޕާކިސްތަނުންނެވެ.