ސަރުކާރުން ހިންގުމަށް ނިންމާފައިވާ 3 ޕްރޮޖެކްޓެއް ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ހަވާލު ކުރުމަށް ނޭޝަނަލް ޓެންޑާ ބޯޑުން ނިންމާފައިވާ ކަމެއް އަދި މިހާތަނަށް ބެލި ބެލުމުން ފާހަގަ ނުވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފިއެވެ.

ފިނޭންސް އިން ބުނީ ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، އަދި ތ. ވިލުފުށި ހައުސިން ޕްރޮޖެކްޓް އާ ގުޅިގެން ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީއިން ނިންމާފައިވާ އެއްވެސް ނިންމުމަކާ ހިލާފަށް ޓެންޑާ ބޯޑުން ނިންމާފައިވާ ކަމެއް އަދި މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވާކަމަށެވެ.

އެ މިނިސްޓްރީ އިން އިތުރަށް ބުނީ އެކުއެކީ ބީލަން ކުރެވިފައި ވާ 8 ރަށެއްގެ ނަރުދަމާ މަޝްރޫއުތަކުގެ އެއްބަސްވުން ތަކުގައި ސޮއިކުރަން މަޑުޖައްސާލާފައި ވާނެ ކަމަށެވެ. ސޮއިކުރުން މަޑުޖައްސާލާފައި ވަނީ އެ މަޝްރޫއުތަކާ ގުޅިގެން ޓެންޑާ ބޯޑުގެ ނިންމުމާއި ދެކޮޅަށް ސިވިލްކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމުގެ ސައްހަ މައުލޫމާތު ލިބިފައި ވާތީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކަމަށެވެ.

ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، އަދި ތ. ވިލުފުށި ހައުސިން ޕްރޮޖެކްޓް އާ ގުޅިގެން އަދި މިހާތަނަށް ބީލަމުގެ މައްސަލަބަލާ މުސްތަގިއްލު ރިވިއު ކޮމިޓީއަށް ވަކި މައްސަލައެއްގެ ގޮތުގައި މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށް ފިނޭންސުން ބުނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ އެއް ހުށަހެޅިއްޖެނަމަ އިންސާފުވެރިކަމާ އެކީ، އަދި މިނިވަން ކަމާ އެކީ އެ މައްސަލަ އެއް ބަލާނެ ކަމަށްވެސް ބުނެއެވެ.

ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، އަދި ތ. ވިލުފުށި ހައުސިން ޕްރޮޖެކްޓް އާ ގުޅިގެން ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީއިން ބަލައިދިނުމަށް އެދި ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅިފައި ނުވިނަމަވެސް، ބީލަން ކާމިޔާބު ނުވި ބައެއް ފަރާތްތަކުގެ ޝަކުވާތަކެއް ސަރުކާރު ބަންދުވެފައި ވަނިކޮށް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.