ދިވެހި ރައްޔިތުންނަކީ ހަރުކަށިފިކުރުގެ ބައެއް ކަމަށް ވިދާޅުވެގެން ރައީސް މުހައްމަދު ނަޝީދު ސިޔާސީ މަންފާއެއް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

މިއަދު ރައީސް ނަޝީދުގެ އޮފީހުން ބޭރުގެ ފަރާތްތަކަށް އަމާޒުކޮށްގެން އިނގިރޭސިން ނެރުނު ބަޔާނަށް އިނގިރޭސިން ރައްދު ދެމުން އަދާލަތުން ބުނެފައި ވަނީ، ނަޝީދު ނެރުއްވި ބަޔާން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ނަޝީދުގެ ބޭނުންފުޅަކީ ސިޔާސީ މަންފާއެއް ހޯއްދެވުން ކަމަށެވެ.

އަދާލަތުން އިތުރަށް ބުނީ ބ. ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި "ނަފްރަތުގެ ބިލް" އަށް އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ހުޅުވާލި ފުރުސަތުގައި އެޕާޓީންވެސް ހިޔާލުތަކެއް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި އެބިލު، ނަފްރަތު އުފެއްދުން މަނާ ކުރާ އދ ގެ ގައިޑްލައިންއާ ހިލާފުވާ ކަމަށާއި އަދި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ލަފަޔާވެސް ހިލާފު ވުމުގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައި އޮންނަ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާވެސް ފުށޫ އަރާ ކަމަށް ބުނެފައި ވާނޭ ކަަމަށެވެ.

މީގެ އިތުރުން ހިސާބުގެ ބިލް، އިސްލާމްދީނުގެ އަސްލުތަކާވެސް ހިލާފުވާ ކަަމަށް ބުނެފައި ވާނޭކަމުގައި އަދާލަތު ޕާޓީން ބުނެއެވެ.

އަދާލަތުން އިތުރަށް ބުނީ ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަުތަކަށް މަރުހަބާ ކިޔާކަމަށާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެންމެ މުހިންމު އިސްކަމެއް ދީގެން ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުން ދާ އެއް މަސައްކަތް ކަމަށެވެ.

މިއަދު ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ އަދާލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވަމުން އެ ޕާޓީއިން ރައީސް ސޯލިހު "ކޮންޓްރޯލް" ކުރާ ކަމަށާއި އަދާލަތީ މައިނޯރިޓީ ކުޑަކުޑަ ޕާޓީއަކަށް ވުމުގެ އިތުރުން ވޯޓެއްވެސް ލިބޭ ޕާޓީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.