ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު 10:00 ގައި އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއަޔާތުގައި މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑަރު އަދި ޗެއާމަން ބުޕޭޝް ނާގަރާޖަންއެވެ.

ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ 48 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް އިންޑިއާގެ މި ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުން ކުރަމުންދާ ދެ އިމާރާތެއް އުމްރާނީ ގޮތުން އިތުރަށް ތަރައްގީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތް ކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށް ޕޮލުހުންގެ އިދާރާއިން ބުނެއެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ ކަމަށް ވެސް ބުނެއެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މަޝްރޫއުގެ 85 ޕަސަންޓް އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 ޕަސަންޓް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.