ހދ. ހަނިމާދޫގައި ސަރުކާރުން ހިންގަމުންގެންދާ 16 މަޝްރޫއެއްގެ ތެރެއިން 4 މަޝްރޫއެއްގެ މަސައްކަތް ނިމިއްޖެއެވެ.

ސަރުކާރުން ބުނެފައިވަނީ ހަނިމާދޫގައި މިހާރު 4 މަޝްރޫއެއް ކުރިޔަށްދާ ކަމަށާއި އެއީ މަގުހެދުމުގެ މަޝްރޫއާއި މަގުތަކުގައި މަގުބައްތި ޖެހުމާ ފުޓުބޯޅަދަނޑު ތަރައްގީ ކުރުމާ ބަނދަރު އަޕްގްރޭޑް ކުރުމުގެ އިތުރުން ސޯލާ ޕީވީ ހަރުކުރުމުގެ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ތތެރެއިން ސޯލީ ޕީވީ ހަރުކުރުމުގެ މަޝްރޫއުގެ ތެރެއިން ސައިޓް ކްލިއާ ކުރުމުގެ މަސައްކަތް ފަށައިފައިވަނީ ޖުލައި 7، 2021 ވަނަ ދުވަހުއެވެ. އަދި ބަނދަރު އަޕްގްރޭޑް ކުރުމުގެ 30 ޕަސެންޓު މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިޔަށްދަނީ ބޭރުތޮށި ހެދުމުގެ މަސައްކަތެވެ.

ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ދަނޑުގެ ސަބްބޭސް އަދި ޓާފް އިންސްޓޯޅް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މިހާރު ކުރިޔަށް ދަނީ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ޓަކައި ބިޑްކޮށް ބިޑް އިވިއުލޭޝަންގެ މަސައްކަތް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ހަނިމާދޫގައި ނިމިފައިވާ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 1000 ކިލޯ ވޯޓުގެ ޖަނަރޭޓަރު ބެހެއްޓުމާއި އިންޖީނުގެއިން އާ ޓްރާންސްފޯމާ ފޯރުކޮށްދިނުމުގެ އިތުރުން އަލަށް މީހުން އާބާދުވާ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން އަދި ހައި ވޯލްޓޭޖް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކަމަށް މައުލޫމާތު ލިބެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް މިހާރު ވަނީ ޓެންޑާ ކޮށްފައެވެ. މި މަސައްކަތް އެވޯޑްކޮށްފައިވަނީ ޖުލައި 15، 2021 ވަނަ ދުވަހުއެވެ.