ކުޅުދުއްފުށި ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު ވަޑައިގެންނެވި ވަގުތާ ދިމާކޮށް އިދިކޮޅު ދެ ޕާޓީއަށް ނިސްބަތްވާ އެ ރަށުގެ މަދު ބަޔަކު އެމަނިކުފާނު އިސްތިއުފާ އަށް ގޮވާ އިހުތިޖާޖު ކޮށްފިއެވެ.

ރައީސް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފައި ވަނީ ހދ އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ. ކުޅުދުއްފުށީ އެއާޕޯޓްގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ކިޔުމަށް އެތައް ބަޔަކު އެއްވެ ތިބިއިރު އެއާޕޯޓްގެ ބޭރުގައި ތިބެގެން އިިދިކޮޅުގެ ސަޕޯޓަރުން ވަނީ ރައީސް ސޯލިހާ ދެކޮޅަށް އަޑުއުފުލާފައެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ގައުމުގެ ހާލަތު ނާޒުކު ކޮށްފައިވާ ކަމަށާއި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ވެސް އަޑުއުފުލާފައި ވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ބައިބައިވުމުގެ އަސްލަކީ ވެސް ރައީސް ސޯލިހު ކަަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން ވަނީ އެމަނިކުފާނު އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން އެއާޕޯޓުން ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތް ކުރައްވާ އެތަނުގެ އިސްވެރިންނާއި ރައީސް ބައްދަލު ކުރެއްވިއެވެ. އަދި ހޮސްޕިޓަލަށް ގެނެސްފައިވާ ބަދަލުތައް ބައްލަވާ ލެއްވިއެވެ. މީގެ އިތުރުން ވެސް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ވެސް އެ ދެކަނބަލުން ވަނީ ބައެއް ތަންތަނަށް ޒިޔާރަތް ކުރެއްވުމަށާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައި، ބައެއް މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށާއި، ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ރައީސް ސޯލިހް ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.