19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެއެވެ.

މި އެވޯޑަކީ 72 އަހަރުގެ ހިދުމަތުގެ ރެކޯޑް އޮތް ސްޓެލްކޯ ކުރިއަރާ ގޮސްފައިވާ ގޮތާއި، އެ ކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކާއި، ހޯދަމުންދާ ކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެކެވެ. އެގޮތުން މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއް ނެތް ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށް ސްޓެލްކޯ އިން ނަމޫނާ ދައްކާފައިވާތީ އާއި، ޖާގައިގެ ދަތިކަމާ އެކު ވެސް، ސްޓެލްކޯއަށް ލިބިފައިވާ ބިމުގެ އެކި ދިމަދިމާލުގައި ޖަނަރޭޓަރު ބަހައްޓައިގެން އެ އަރަމުން ދިޔަ ޑިމާންޑަށް ކޭޓާ ކުރުމަށް ކޮށްފައިވާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީހުން ބިނާ ކުރުމުގެ ރޮނގުން ސްޓެލްކޯ އިން ކުރަމުންދާ ފުރިހަމަ މަސައްކަތްތަކާއި، ކޮވިޑްގެ ހާލަތުގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމަކީވެސް އެ ކުންފުނިން ކޮށްފަިއވާ މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމެވެ. ހަމައެއާއެކު ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅު ގޮތުގައި އަނބުރާ މުޖުތަމައުއަށް ނިކުތުމަށް އެހީތެރިވުމަށް އެ ފަރާތްތަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައި އަދާ ކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށް ދިނުން ވެސް ހިމެނެއެވެ. އަދި ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ވުމަކީ ވެސް އެ ކުންފުނިން ކޮށްފައިވާ މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމެވެ.

ސްޓެލްކޯ މުވައްޒަފުން މީޓަރާއި ކަރަންޓު ބޮޑުތައް ޗެކް ކުރުމުގެ ތެރެއިން

14 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައި، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ސްޓެލްކޯއިން ވަނީ ގާއިމްކޮށްފައެވެ. އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރު ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން (ސްޓެލްކޯ މާޓީވީ) ބެހެއްޓުމާއި، ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތާއި، ސޯލާ ޕެނަލް ވިއްކުމަށް ހުޅުވާފައިވާ ސްޓެލްކޯ ގްރީން ލައިފް ސޯލާ ސެންޓަރާއި، ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕާއި، ސްޓެލްކޯ ފްލޯޓިން ސޯލާ ޕޮޑްގެ މަސައްކަތަކީ ވެސް ފާހަގަ ކޯށްލެވޭ މަސައްކަތްތަކެވެ. އަދި ކަސްޓަމަރުންނަށް އެންމެ ހެޔޮއަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ބާޒާރަށް ނެރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރި ކަމާއި، ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލް އަގުވާމީ މިންގަނޑެއް ކަމުގައިވާ އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓް މީޓަރާއި، ސްމާޓް ގްރިޑް ފަދަ ކުރި އަރާފައިވާ ޓެކްނޮލޮޖީތައް ބޭނުންކުރަން ކުރަމުންދާ މަސައްކަތްތައް ވެސް ހިމެނެއެވެ.

19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާ އިރު، އެ ކުންފުންޏަށް 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި، ސީއެމްޑީ އިން ދޭ ކޯޕަރޭޓް ގަވާނެންސް އެންމެ ރަނގަޅު ކުންފުންޏަށް ދޭ "ސީޖީ އެފޯޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި، "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ވެސް ވަނީ ލިބިފައެވެ.