ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައި ވާ 7000 ގައިދީން ދޫކޮށްލައިފިނަމަ، ކުރިއަށް އޮތް 3 މަސްދުވަހަށް، ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ ކަމަށް، އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

އަފްގާނިސްތާނު ސަރުކާރުގެ ފަރާތުން ވަކާލާތު ކުރަމުން ގެންދަވާ ނާދިރު ނާދިރީ ވިދާޅުވީ، މި ހުށަހެޅުމަކީ "ބޮޑު ޑިމާންޑެއް" ކަމަށެވެ.

ކަން މިހެން އޮތް އިރު، އަފްގާނިސްތާނުގެ ސަރުކާރުން މިކަމަށް ދޭނެ އިޖާބައަކާ ބެހޭ އެއްވެސް ތަފްސީލެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.

އަފްގާނިސްތާނުގައި ވިއްސަކަށް އަހަރު ވަންދެން ކުރި ހަނގުރާމަ ނިންމާލުމަށްފަހު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަފްގާނިސްތާނު ދޫކޮށް ދާއިރު، މި ދަނޑީވަޅަކީ އަފްގާނިސްތާނުގެ ސަރުކާރާއި ތޯލިބާން ޖަމާއަތާ ދެމެދު ހަމަލާ ބަދަލު ކުރުންތައް އިތުރު ވެފައި ވާ ދަނޑިވަޅެކެވެ.

ތޯލިބާނުން ބުނާ ގޮތުގައި، އަފްގާނިސްތާނުގެ ސަރަހައްދުތަކުގެ 85 ޕަސެންޓް މިހާރު އޮތީ އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައެވެ. މި ބުނުމަށް އަފްގާން ސަރުކާރުން އިންކާރު ކުރާއިރު، މިނިވަން ގޮތެއްގައި މި ވާހަކަތައް ކަށަވަރު ކުރުމުގެ ފުރުސަތެއް ނެތެވެ.

ކަން މިހެން އޮތް އިރު، އަފްގާނިސްތާނުގެ 400 ޑިސްޓްރިކްޓްގެ 3 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައެއްގެ ކޮންޓްރޯލް އޮތީ ތޯލިބާނުންގެ އަތުގައި ކަމަށް ލަފާ ކުރާ ބަޔަކުވެސް އުޅެއެވެ.

ނާދިރީ ވިދާޅުވީ، އދއިން އެކުލަވާލާފައިވާ "ބްލެކްލިސްޓުން" އެ ބައި މީހުންގެ ނަންތައް ނެގުމަށްވެސް ތޯލިބާނުން ހުށަހަޅާފައި ވާ ކަމަށެވެ.

މިދިޔަ އަހަރުވެސް ތޯލިބާން ހަނގުރާމަވެރިންގެ 5000 އެއްހާ މީހުން ވަނީ މިނިވަން ކޮށްފައެވެ. ގަބޫލު ކުރެވޭ ގޮތުގައި މީގެ ތެރެއިން ގިނަ ބަޔަކު އަނެއްކާވެސް ވަނީ ހަނގުރާމައިގެ މައިދާނަށް ނިކުމެފައެވެ.