ޖަރުމަނުވިލާތަށް ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް ވީނުވީއެއް ނޭނގި ގެއްލިފައި ވާއިރު، މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.

ފަހުގެ ތާރީހުގައި ދެކެފައި ނުވާހާ ގަދައަށް ވިލާތުގެ ހުޅަނގަށް ކުރަމުންދާ ވިއްސާރާގައި ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 11 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ހަބަރު ލިބެއެވެ. ލަގްޒަމްބާގް އަދި ސުވިޒަލަންޑަށްވެސް މޫސުން ގޯސް ކަމަށް މައުލޫމާތު ލިބެއެވެ.

ސިޔާސީ ލީޑަރުން ގަބޫލު ކުރައްވާ ގޮތުގައި މިހާރު ކުރަމުން ދާ ގަދަ ވިއްސާރައަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނަތީޖާއެވެ.

ވިލާތުގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އާބަދީތައް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވިލާތަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ޖަރުމަނުވިލާތުގެ ޗާންސެލާ އެންހެލާ މާކޭލްއާ ގުޅުއްވާ، ހަމްދަރުދީ ފޮނުއްވާފައެވެ.

ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުން ދަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، މިފަދަ ހާދިސާތައް ހިނގުން އެކަށީގެން ވާ ކަމުގެ އިންޒާރު ދެމުންނެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދުވެލި ހަލުވި ކުރަން ޖެހޭ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.