ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ 49 އަހަރުދެ ދިވެއްސަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރޭ ދަނަވަރު 12:17 ހާއިރު ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފަިއވާ ކަމަށެވެ. އޭނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 216 އަށް އަރާފައެވެ. މިއީ މިމަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ފަސް ވަނަ މީހާއެވެ.

މިދިޔަ ޖޫން މަހު ކޮވިޑް ބަލީގައި 50 މީހުން މަރުވި އިރު މޭއި މަހުގެ ތެރޭގައި އައި ކޮވިޑްގެ ބިޔަ ރާޅާއެކު 88 މީހެއްގެ ފުރާނަ ގެއްލުނެވެ. މިއީ އެއް މަހެއްގެ ތެރޭގައި މި ބަލީގައި ރާއްޖެއިން މީހުން މަރުވި މަސް ވެސް މެއެވެ.

2021 ގެ ކޮވިޑް މަރުގެ އަޕްޑޭޓް: 168

  • ޖުލައި 2021 - 5 މަރު
  • ޖޫން 2021 - 50 މަރު
  • މެއި 2021 - 88 މަރު
  • އޭޕްރީލް 2021 - 6 މަރު
  • މާޗް 2021 - 5 މަރު
  • ފެބްރުއަރީ 2021 - 10 މަރު
  • ޖެނުއަރީ 2021 - 4 މަރު

މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.

އިއްޔެ ރާއްޖެއިން ޖުމަލް 217 މީހަކު ޕޮޒިޓިވްވެފައި ވާއިރު އެކްޓިވް ކޭސް މިވަނީ 2562 އަށް މަތިވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 75622 އެވެ. އެ މީހުންގެ ތެރެއިން 72833 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 216 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 496 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 61760 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 168 މީހަކު މަރުވެފައެވެ.