ދެކުނު އޭޝިއާއިން އަންނަ ޓޫރިސްޓުން ޗެކުކުރާ އިރު ފާސް ނުވެއްޖެ ނަމަ، އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުން ނޫން ގޮތެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ، ދެކުނު އޭޝިއާގެ ފަތުރުވެރިން މާލޭގައި މަޑުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައި ވަނިކޮށް އަނެއްކާވެސް އަވައްޓެރި އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެ ތިން ވަނަ ރާޅެއް ނަގާފާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

މައުސޫމް ވިދާޅުވީ، ދެކުނުއޭޝިއާ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. ބޯޑަރުތައް ބަންދު ކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ޗެކް ކުރާ އިރު ފާސް ނުވެއްޖެ ނަމަ، ބަންދުކުރުން ނޫން ގޮތެއް ނެތް ކަމަށް މައުސޫމް ވިދާޅުވިއެވެ. ދެކުނު އޭޝިއާ އިން ޓޫރިސްޓުންނާ ގުޅޭ އިންތަކާ މިންތައް ތަންފީޒު ކުރާ މިންވަރު ބަލަން ހޮޓެލް/ގެސްޓްހައުސް ޓޫރިޒަމް ޓީމުން ޗެކު ކުރަމުން ދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

މިމަހު 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލަށް ނިންމާފައިވާ އިރު، އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކް އިން ނުވެވޭނެއެވެ. އެހެން ނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކާ ޓްރާންސިޓް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެއެވެ.

އަދި، ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި އެކަން ޖުލައި 30، 2021 ގެ ކުރިން އަންގާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއީ އޭރު އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަ ވުމުގެ ސަބަބުންނެވެ.