ދާއިރާގެ ރައްޔިތަކު ލައްވާ އެއްވެސް މީހަކަށް ބިރު ދައްކާފައި ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ މިފަދައިން ވިދާޅުވީ ނަހުލާގެ އެންގެވުމަކަށް މާލެ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންނަށް ބިރުދެއްކި މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް އެންގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.

ނަހުލާ ވިދާޅުވީ ކައުންސިލަރުން ތަކެއް ވިލިމާލެއައް ވަޑައިގަތް ކަމަށް ބުނާ ދުވަހު ނަހުލާ ހުންނެވީ ސަލާމުގައި ގޭގައި ކަމަށް ރިކޯޑް ތަކުން ފެންނާނެ ކަމަށެވެ.

"އެހެންކަމުން ވަޑައިގެންނެވީ ކޮންބޭފުޅުންނެއް އަދި ކައުންސިލަރުންތަކެއް ކަމެއް އަދި ކައުންސިލަރުންތަކެއް ވަޑައިގަންނަވާ ކަންވެސް އެނގިފައެއްނުވޭ"
ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ

ނަހުލާ އިތުރަށް ވިދާޅުވީ މޭޔަރާއި ނުވަތަ އެއްވެސް ކައުންސިލަރަކާ ގުޅޭ ގޮތުން މީޑިއާ އަދި ކަމާ ބެހޭ އެއްވެސް ތާކަށް މައުލޫމާތު ދެއްވަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް މުއައްސަސާ އަކަށް ހާޒިރު ކޮށްފިނަމަ ޖަވާބު ދާރީވެ، މީޑީއާއަށް ހިއްސާކުރައްވާނެ ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ނަހުލާ އަންގަވައިގެން އެހެން ކައުންސިލަރަކަށް ބިރުދެއްކި ކަމަށް ތުހުމަތުކޮށް އެ މައްސަލަ މާލެ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް މުހައްމަދު ފާތިހުއެވެ. މިމައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ހަފުތާގައި ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 10 ވަނަ އާންމު ޖަލްސާގައެވެ.

އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވަން ކައުންސިލަށް ހުށަހަޅާފައި ވަނީ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމާއެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

ހުށަހެޅުމުގައި ވަނީ ވިލިމާލެ ދާއިރާއަށް ކައުންސިލަރުންގެ ރަސްމީ ހައިސިއްޔަތުން، މަގާމާއި މަސްއޫލިއްޔަތުގެ ގޮތުން ދާއިރާގެ ތެރެއިން ހަވާލުވާ ކަންކަން ކުރުމަށް ދިޔުމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވިކަމަށް ބުނެ ކައުންސިލަރުން ތަކަކަށް ވިލިމާލެއިން ބަޔަކު ބިރުދައްކައި, މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައި ވާކަމަށެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އެލްޖީއޭއަށް ފޮނުވުމަށެވެ.

އެކަމަށްޓަކައި މާލެ ސިޓީ ކައުންސިލް މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ބައިވެރިވި 17 މެންބަރުންގެ ތެރެއިން 16 މެންބަރަކު ވަނީ ހުށަހެޅުމަށް ތާއީދު ކުރައްވައި ވޯޓު ދެއްވާފައެވެ. ހުށަހެޅުމާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ.