ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން އަންނަ މި ދުވަސްވަރު ގެސްޓް ހައުސްތަކުގައި ދިވެހިން ބައިތިއްބުމުގެ ހާއްސަ އުސޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާން ކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ، މިއަދުން ފެށިގެން ރާއްޖޭގައި ދިރިއުޅޭ ދިވެހިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޓުއަރިސްޓް ގެސްޓް ހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ހުޅުވާލެވިފައި ވަނީ ވަކި ޝަރުތަކެއް ހުރި ފަރާތްތަކަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ:
- ކޮވިޑް-19 އަށް ޕޮޒިޓިވެ ބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުނު ތާރީހުން (ސާމްޕަލް ނެގި ތާރީހު) ފެށިގެން 60 ދުވަސް ވެފައި ނުވާ ފަރާތްތައް
- ކޮވިޑު-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތައް، ގެސްޓް ހައުސްއަށް ޗެކްއިން ވުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދާ ފަރާތްތައް
މަތީގައިވާ ނަމްބަރު 1 އަދި 2 ގައި ހިމެނޭ ފަރާތްތަކާ އެކުގައި ވެކްސިން ނުޖެހޭ އުމުރު ފުރައިގެ ކުޑަކުދިން ގެންދާ ނަމަ ގެސްޓް ހައުސްއަށް ޗެކްއިން ވުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަން ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ގެސްޓް ހައުސްތަކަށް ޗެކްއިން ވުމާއި ރަށްރަށުގައި އުޅުމުގައި ރައްކާތެރިވުމަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތަކާ އެއްގޮތަށް އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރަށްރަށަށް ދަތުރުކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދަތުރު ކުރުމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
ރަށްރަށަށް މީހުން ދަތުރު ފަތުރު ކުރެވޭ ގޮތަށް ހަމަޖެއްސުމާ އެކު މިހާރު ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިން އިރު ރަށްރަށް ރަށަށް ދަތުރު ފަތުރު ކުރުމުގައި ވެސް ހާއްސަ ކަންކަމަށް ބަލާފައި ވެއެވެ. އެގޮތުން ކޮވިޑް ވެކްސިން ފުރިހަމަ ކުރިތާ 14 ދުަސް ވެފައިވާ ފަރާތްތަކަށް ކަރަންޓިން ނުވާ ގޮތަށް ޕީސީއާރް ނެގެޓިވް ނަތީޖާއާ އެކު ރަށްރަށަށް ދަތުރު ކުރެވެއެވެ.
ރަށްރަށަށް ދެވޭ ގޮތަށް ލުއިތައް ދީފައިވާ މި ދަނޑިވަޅު ދިމާވަނީ މި އަހަރުގެ ބޮޑު ޗުއްޓީއަށެވެ. އެހެންކަމުން ރަށްރަށުގައި ބޮޑު ޗުއްޓީއާ ދިމާކޮށް ކުޅިވަރުތައް ކުޅެ އާންމުން އެއްވެ ނޫޅުމަށް އެޗްޕީއެއިން ވަނީ އަންގާފައެވެ.