އޭޝިއާ ބައްރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ހޮވިއްޖެއެވެ.
އެގޮތުން އެނާ އަށް ލިބިވަޑައިގެންފައި ވަނީ 19 ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދި އިޔާ" ގެ އެވޯޑެވެ. މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންފައި ވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގައި ފާހަގަ ކުރެވޭތީ ކަމަށް އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވި ފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކު ކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެވުން އެއީ އޭނާއަށް އެވޯޑް ލިބުނު އެއް ސަބަބު ކަމަށެވެ. ހަމައެއާއެކު ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް، އިޔާދަ ކުރަނިވި ހަކަތަ އާއި ދިމާލަށް ކުންފުނި ގެންދިޔުމަަށް މުޣުނީގެ އިސްނެންގެވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަކީ ވެސް މި އެވޯޑް ލިބުނު ސަބަބުތަކުގެ ތެރޭގައި ހިމެނެ ކަމަެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ވެސް ކުންފުނިން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫތައް ލަސް ކަމެއް ނެތި ކުރިޔަށް ގެންދިއުން ވެސް ހިމެނެއެވެ. އަދި މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރެވުނު ފުރަތަމަ ކުންފުންޏަށްވުމުގެ ޝަރަފު ސްޓެލްކޯއިން ހޯދުމަކީ ވެސް އެ އެވޯޑް އޭނާއަށް ކާމިޔާބުވި ސަބަބެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދި އިޔާ" އަށް މުޣުނީ ހޮވިވަޑައިގެންފައި ވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އިމާޖިން ލީޑާ އޮފް ދި އިޔާގެ އެވޯޑްވެސް މުޣުނީއަށް ވަނީ ލިބިވަޑައި ގެންފައެވެ.