ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރު ވި ކަމުގައި ވީ ނަމަވެސް، ކުރިއަށް އީދު ބަންދާ ދިމާކޮށް، ލޮކްޑައުންއަށް ލުއި ދޭނެ ކަން، ބަންގްލަދޭޝްގެ ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑްގެ ކޭސްތައް އިތުރު ވަމުން ދިއުމުގެ ސަބަބުން މިހާރުވެސް ބަންގްލަދޭޝް އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. ގެއިން ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ އޮންނަނީ ޒަރޫރީ ބޭނުންތަކަށާއި ކުއްލި ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި އެކަންޏެވެ. ބަންގްލަދޭޗްއިން ކޮވިޑަށް ޕޮޒިޓިވްވި ކޭސް ނަމްބަރު، 1 މިލިއަންނަށް ވުރެ މައްޗަށް އަރައެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 16000 އަށް ވުރެ މައްޗަށް އަރައެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ޑާކާ ޓްރިބިއުން

ބަންގްލަދޭޝްގެ ސަރުކާރުން ބުނީ، ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް، ލޮކްޑައުންއަށް 7 ދުވަހުގެ "ބްރޭކެއް" ދޭނެ ކަމަށެވެ. އެގޮތުން މިއަދުން ފަށައިގެން ޖުލައި 22، 2021 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުންއަށް ލުއި ދޭނެ ކަމަށާ، ނަމަވެސް އަނެއް ދުވަހުން ފަށައިގެން ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށެވެ.

އީދާ ދިމާކޮށް ލުއި ދޭ މުއްދަތުގައި އާންމު ދަތުރުފަތުރުކޮށް އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާ، ރޭލު ދަތުރުތައްވެސް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޖުލައި 23، 2021 ވަނަ ދުވަހުން ފަށައިގެން އަނެއްކާވެސް 2 ހަފުތާގެ މުއްދަތަށް ލޮކްޑައުންގެ އަމުރު ދަންމާލާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެފައި ވާއިރު، ކޭސް ނަންބަރު އިތުރުވުމާ ގުޅިފައި ވަނީ ޑެލްޓާ ވޭރިއަންޓް / ފޮޓޯ: ނިއުސް އޮން އެއާ

ބަންގްލަދޭޝްއަށް މިހާރު ކުރިމަތިލާންޖެހިފައިވާ ކޮވިޑްގެ ރާޅަކީ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން މެދުވެރިވެފައިވާ ހާލަތެއް ކަމަށް ހަބަރު ލިބެއެވެ. މި ކޭސްތަކާއެކު ހޮސްޕިޓަލުތަކަށް ވަނީ ބާރުބޮޑުވެފައެވެ.

ވެކްސިންގެ ހާލަތަށް ބަލާއިރު އެ ގައުމުން މިހާތަނަށް 4.2 މިލިއަން މީހުން ވަނީ 2 ޑޯޒްގެ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި 1.6 މިލިއަން މީހުން ވަނީ 1 ޑޮޒް ޖަހާފައެވެ. ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ކޮވެކްސްގެ ފެސިލިޓީ މެދުވެރިކޮށް 1 ގައުމަށް 1 މިލިއަން ޑޯޒްގެ އަސްޓްރާޒެނީކާ ކޮވިޑް ވެކްސިން ލިބޭނެ ކަން އިއުލާން ކޮށްފައެވެ.