ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން 77 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު އަންގާރަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 312،712 މީހުންނެވެ. އޭގެތެރެއިން 246،841 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. މިއާ އެކު މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 77.20 ޕަސެންޓް މީހުން ވަނީ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ.

އަންގާރަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 4805 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 334 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 230 މިހަކާއި އަތޮޅުތެރެއިން 104 މީހެކެވެ. އެ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 4471 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 1727 މީހަކާއި އަތޮޅު ތެރެއިން 2744 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާ ވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ. އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.