އީދު ބަންދާ ދިމާކޮށް ވެކްސިން ޖަހއިދިނުން މެދުކަނޑާލާ އިރު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ޖަހައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މާލެ ސަރަހައްދުގައި އާންމު ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ މާދަމާގެ ނިޔަލަށް ކަމަށެވެ. އޭގެ ފަހުން ވެކްސިން ޖެހުން އީދު ބަންދު ނިމެންދެން މެދުކަނޑައިލާނެ ކަމަށެވެ.

މާދަމާ އާންމު ވެކްސިން ޖެހުން މެދުކަނޑާލަން ނިންމާފައި ވީ ނަމަވެސް އެޗްޕީއޭއިން ބުނީ މި މަހުގެ 17 ވަނަ ދުވަހަކީ ކޮވިޝީލްޑް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހް ކަމަށާއި މި ވަގުތު އެޕޮއިންޓްމަންޓް ހައްދާފައި ތިބީ މަދު ބައެއް ކަމަށެވެ. އެގޮތުން މިހާރު ކޮވިޝީލް ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ މިދިޔަ ފެބްރުއަރީ، މާޗް އަދި އޭޕްރީލް މަހު ކޮވިޑުން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެޕޮއިންޓްމަންޓް ހެއްދޭ ގޮތަށް ހަމަޖައްސާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

"ވެކްސިން ޖަހާ އެންމެ ފަހު ދުވަހަކީ 17. މިވަގުތު އެޕޮއިންޓް ހަދާފައިވަނީ މަދު ފަރާތެއްކަމުން އަދި އެޕްރިލް މަހު ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ވެސް 2ވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލެވިފައި ވާތީ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ހެއްދެވުމަށް ބާރު އަޅުއްވައި ދެއްވުމަށް އެދެން"
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

އީދު ބަންދާ ދިމާކޮށް ވެކްސިން ޖަހުން މެދުކަނޑާލަން ނިންމާފައި ވާއިރު ވެކްސިން އަލުން ޖަހަން ފަށާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޕޮއިންޓްމަންޓް ހައްދާއިރު މީހާއާ ބެހޭ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު ވެކްސިން ޖަހަން ދާން ބޭނުންވާ ތާރީހާއި ގަޑި އިހުތިޔާރު ކުރެވޭނެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން ލިބޭ މެސެޖް ވެކްސިން ޖަހަން ދާ ސެންޓަރަކަށް ދައްކަން ޖެހޭނެއެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ހެއްދޭނީ ކޮވިޝީލްޑްގެ ވެކްސިން މިދިޔަ ފެބްރުއަރީ މާޗް އަދި އޭޕްރީލްގައި ޖަހާ މާލެ ސަރަހައްދުގައި ތިބި މީހުންނަށެވެ. ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާ، ވެކްސިން ކާޑް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. ހަމައެއާއެކު ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖެހުމަށް ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ކަރަންޓީނުގައި ހުރި މީހެއް ނުވަތަ ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނަމަ ވެކްސިން ޖަހަން ނުދިއުމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ޝިޕްމަންޓެއް ލިބި އަނެއްކާ ވެސް މި ވެކްސިން ރާއްޖޭގައި ޖަހަން ފަށަފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ފަހަރު ރާއްޖެއަށް ގެނައީ ކިހާ އަދަދެއްގެ ވެކްސިނެއް ކަން އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހައިދިނުމަށް ނިންމާފައި ވާއިރު މިހާތަނަށް 242،370 މީހަކު ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަ ކޮށްފައެވެ.