މިދިޔަ ފެބްރުއަރީ، މާޗް އަދި އޭޕްރީލް މަހު ކޮވިޑުން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި މީހުންނަށް ވެކްސިން ފުރިހަމަ ކުރުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިލިންކް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އެޕޮއިންޓްމަންޓް ހައްދާއިރު މީހާއާ ބެހޭ މައުލޫމާތު ފުރިހަމަކުރުމަށްފަހު ތާރީހާ ގަޑި އިހުތިޔާރު ކުރެވޭނެ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން ލިބޭ މެސެޖް ވެކްސިން ސެންޓަރަކަށް ދައްކަން ޖެހޭނެއެވެ.

އެޕޮއިންޓްމަންޓް ހެއްދޭނީ މާލޭ ސަރަހައްދުން މިތިން މަހު ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.

ވެކްސިން ޖަހަންދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާ، ވެކްސިން ކާޑް ގެންދިއުމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ. އަދި ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލައިގެން ވެކްސިންޖަހަން ދިއުމަށާ، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާ ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިޔުމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ކަރަންޓީނުގައި ހުރި މީހަކަށް ނުވުމާ ބަލީގެ އެއްވެސް އަލާމާތެއް ހުރެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 242،370 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 12ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 319،378 މީހުންނެވެ. އޭގެތެރެއިން 242،370 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.