އަފްގާނިސްތާނުގައި ހުންނަވާ އެމެރިކާގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު، ޖެނެރަލް އޮސްޓިން ސްކޮޓް މިލާ، ބާރުތަކާ، މަގާމުގެ ކޮންޓްރޯލްގައިވާ މައްސޫލިއްޔަތުތައް ރަސްމީކޮށް ދޫކޮށްލައްވައިފިއެވެ.

ޖެނެރަލް މިލާ، އޭނާގެ މަގާމުގެ ބާރުތަކާ މައްސޫލިއްޔަތުތައް ދޫކޮށްލައްވާފައި މިވަނީ، އެމެރިކާއިން އަފްގާނިސްތާނުގައި ކުރި 20 އަކަށް އަހަރުވީ ހަނގުރާމައަށް، އަންމަ މަހުގެ 31 ވަނަ ދުވަހު ރަސްމީ ސިފައެއްގައި ނިމުން ގެނައުމާ ދިމާކޮށެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯ ފައުޖުތަކުގެ އިސްވެރިޔާގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދެވި ޖެނެރަލް މިލާ، މަގާމު ދޫކޮށްލައްވާފައި ވާއިރު، ނޭޓޯގެ އެހެން ހުރިހާ ފައުޖެއްހެން މިހާރު ވަނީ އަފްގާނިސްތާނުން ފައިބާފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ފައުޖެއް / ފޮޓޯ: ގެޓީ އިމޭޖަޒް

ކަން މިހެން އޮތް ނަމަވެސް، މި ދަނޑިވަޅަކީ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުން، އަފްގާނިސްތާނުގެ ބޮޑު ސަރަހައްދަކަށް އަނެއްކާވެސް އަތްގަދަ ކުރަމުން އަންނަ ދަނޑިވަޅެކެވެ.

މި ފަދަ ދަނޑިވަޅެއްގައި ޖެނެރަލް މިލާ، އޭނާގެ މަގާމުގެ މައްސޫލިއްޔަތާއި ބާރުތައް ދޫކޮށްލެއްވުމުން، އެ ޒިންމާ އަދާކުރައްވަމުން ގެންދަވާނީ އެމެރިކާގެ 2 ޖެނެރަލެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއް ޖެނެރަލް ހުންނަވާނީ، ފްލޮރިޑާގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް ހެޑްކުއާޓަރުގައި ކަމަށް ވާއިރު އަނެއް ޖެނެރަލަކީ، އެމެރިކާގެ އެންމެ ފަހު ފައުޖުތައް އަފްގާނިސްތާނުން ފޭބުމާ ގުޅޭ ކަންކަން ވިލަރެސް ކުރައްވާނެ ޖެނެރަލް ކަމަށް ހަބަރު ލިބެއެވެ.