ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 235،615 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު އިއްޔެގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 318،756 މީހުންނެވެ. އޭގެތެރެއިން 235،615 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 7513 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 306 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 240 މިހަކާއި އަތޮޅުތެރެއިން 66 މީހެކެވެ.

އެ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 7207 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 4051 މީހަކާއި އަތޮޅު ތެރެއިން 3156 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ.

އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި ވަނީ މިމަހު ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.