ހަރުކަށިފިކުރު މީހުން ރާއްޖޭގައި ހަނގުރާމައަށް ތައްޔާރު ވާ ކަމަށާއި އެމްޑީޕީގައިވެސް އެ ވިސްނުމުގެ މީހުން ތިބި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްއަކަށް ފޮނުއްވި މެސެޖުތަކެއްގައެވެ. ނަޝީދުގެ މެސެޖުތައް ހިމެނޭ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން އެކަން ޔަގީން ކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާ ސުވާލު ކުރުމުން އޭނާ ވަނީ އެއީ ސައްހަ މެސެޖްތަކެއްކަން ޔަގީންކޮށްދެއްވާފައެވެ.

އަޅުގަނޑަށް ބޭރުގެ އެޖެންސީ ތަކުން އިނގޭ ގޮތުގައި އެ މީހުން ހަނގުރާމައަށް ތައްޔާރުވަނީ އަފްގާނިސްތާނުން ޔޫއެސް ޓްރޫފްސް ފައިބާ އެތަން ތޯލިބާން އަށް ދިޔައީމާ، މިކޮޅާއި އެކޮޅު މާ ގުޅޭނެ. ރާއްޖޭގައި އެ މީހުންގެ ހާހެއް އެބަ ތިބި. ފަޅުރަށްރަށަށް ގޮސް ތަމްރީނު ވަނީ. ކަންނެލި އޮޑިތަކުގައާއި ޑިންގީ އަދި ލޯންޗު ފަހަރުގައި އުޅޭނީ"
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ މެސެޖުތަކުގައި ވަނީ އެމްޑީޕީ ތެރޭގައިވެސް ހަރުކަށި ވިސްނުން ހުރި މީހުން ތިބި ކަމަށާއި އެ ވަޓްސްއެޕް ގްރޫޕްގެ އެޑްމިން އެކަން ބަލާ އެ ގްރޫޕުގައި ތިބި ހަރުކަށި ޖިހާދީ މީހުން ގްރޫޕުން ވަކި ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭނެ. ވެރިކަމެއް ބޭނުމެއް ނޫން. އެކަންވެސް ކުރެވިއްޖެ. ނުކުރެވޭ އެއްކަމެއްވެސް ނެތް"
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ މެސެޖުތަކުގައި ވަނީ ދެން ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށާއި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަ ނުޖެހުނަސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމް، މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ މީހުންގެ އެހީއަށް އެދިވަޑައިގަންނަވާނޭ ކަމަށްވެސް ވިދާޅުވެއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހާ މައްސަލައެއް ޖެހިވަޑައިގަންފައި ނުވި ނަމަވެސް މިހާރު ފިކުރީގޮތުން ހިޔާލު ވަރަށް ތަފާތު ކަމަށެވެ. އަދި ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ ރައީސް ސޯލިހާ އެކުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނަޝީދު ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ވާހަކަ ވިދާޅުވި އިރު ޖުލައި 05، 2021 ވަނަ ދުވަހުގެ ރޭ ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައިވެސް ނަޝީދު ވަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ނަޝިދު އެރޭ ވިދާޅުވީ، 2023 ގެ އިންތިހާބަށް ދިއުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ޔާމީނާއި ޕީޕީއެމްއިން ވެސް ދެކޮޅު ހަދާނެކަމަށް ގަބޫ ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި މައްސަލައިގައި ޕީޕީއެމުން ބުނެފައި ވަނީ، ނިޒާމެއް ބަދަލު ކުރަންވެސް އަދި އެނޫންކަމެއްގައިވެސް ރައީސް މުހައްމަދު ނަޝީދާވެސް އަދި އެމްޑީޕީއާވެސް ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް ފަހުން ޖުލައި 06، 2021 ގައި ޕީޕީއެމުން ބުނެފައި ވަނީ ނިޒާމު ބަދަލު ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު މަޝްވަރާއަށް ދާން ތައްޔާރަށް ތިބި ކަމަށެވެ.