އަވަށްޓެރި އިންޑިއާގެ ޖައިޕޫރުގައި ހިނގި ހޮނު އެޅުމުގެ ހާދިސާއެއްގައި 11 މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.

ހޮނު އެޅުމުގެ ހާދިސާގައި މަރުވި މީހުންނަކީ، ވާރޭ ވެހެމުން ދިޔައިރު، ޓްވެލްފްތު ސެންޗަރީ އެމެރް ފޯޓްގެ ވޮޗް ޓަވަރުގައި، ސެލްފީ ނަގަން ތިބި ބައެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

ހާދިސާ ހިނގިއިރު ޓަވަރާއި ފާރުމަތީގައި 27 މީހަކު ތިބި ކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާ ހިނގުމާއެކު ބައެއް މީހުން ބިންމައްޗަށް ފުންމާލީ ކަމަށް ހަބަރު ލިބެއެވެ.

2004 ވަނަ އަހަރުގެ ފަހުން އިންޑިއާގައި ހިނގި ހޮނު އެޅުމުގެ ހާދިސާތަކުގައި މިހާތަނަށް 2000 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އާދީއްތަ ދުވަހުވެސް އިތުރު 9 މީހަކު ވަނީ މިފަދަ ހާދިސާތަކުގައި ރާޖަސްތާނުން މަރުވެފައެވެ. ޖައިޕޫރުވެސް އޮންނަނީ ރާޖަސްތާނުގައެވެ.

ސްޓޭޓްގެ ޗީފް މިނިސްޓަރު، އަޝޯކް ގެހްލޮޓް ވަނީ މަރުވި މީޙުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 500000 ރުޕީޒް ނުވަތަ 6700 ޑޮލަރު ދޭނެ ކަން އިއުލާން ކުރައްވާފައެވެ.

މި ދުވަސްވަރަކީ އިންޑިއާއަށް މޫސުމީ ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. އިންޑިއާގެ މޫސުމީ ވިއްސާރަ، ޖޫން އިން ފަށައިގެން ސެޕްޓެމްބަރަށް ދެމިގެން ދެއެވެ.