ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުން އަންނަ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 17، 2021 ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން އެބޭންކުން ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކުރަމުން އަންނަ ކަމަށެވެ.

އެ ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ ލޯން ސްކީމް އަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށާއި އަދި މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު ވެސް ލޯން ސްކީމަށް ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރު ކަމަށެވެ.

އެހެން ކަމުން އެ ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ޖުލައި 17، 2021 ކަމަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ލޯނަށް އެދި އެހާތަނަށް ބޭންކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު އެފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.