ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ ކުރީގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މީހަރުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދެވުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުުދު ވިދާޅުވީ، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން އެ ޕާޓީގެ މެންބަރުން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބެގެން އާ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފެށުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ތަފާތު އެތައް ކަމެއް ފެންނަމުން ދާ ކަން ފާހަގަ ކުރައްވަމުން ސައުދު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކޯލިޝަނެއްގެ ތެރެއިން އެކުގައި މަސައްކަތް ކުރައްވަމުން ދާ ތަން ފެންނާނެ ކަކީ ކުރިން މީހުން ގަބޫލު ނުކުރާނެ ކަންކަން ކަމަށެވެ. އެގޮތުން ނާޒިމް ވެސް ސިޔާސީ ޕާޓީއެއް އުފެއްދެވި ކަމުގައި ވިޔަސް އެކަމުގައި އެ ޕާޓީން ޒާތީ ވާން ޖެހޭ ކަމެއް އޮތް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޗީޕް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ، ޕާޓީން ބަޔަކު ވަކިވެގެން ދިޔަޔަސް އެ ޕާޓީން ކުރާ މަސައްކަތްތައް ކުރުމުގައި އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިހާބެއް ކަމަށާއި އެ އިންތިހާބާ ގާތްކޮށް ގިނަ ސިޔާސީ ޕާޓީތައް ފެންނާނެ ކަމަށާއި އެ އިންތިހާބުގައި ޖޭޕީ ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް، އާ ސިޔާސީ ޕާޓީއެއް އުފައްދަވާ ވާހަކަ ވިދާޅުވެފައިވާ އިރު، އަދި އޭނާ ހުންނެވީ ޖޭޕީގެ މެންބަރެއްގެ ގޮތުގައެވެ. އޭނާއާއެކު މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާ 4 މެންބަރެއް ނާޒިމްގެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަން އޭނާ ހާމައެއް ނުކުރައްވައެވެ. އެ ޕާޓީއާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް 'ދަ ޕްރެސް' އަށް ނާޒިމް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.