ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ، ތަހުގީގު ކޮށް ނިންމާފައި އޮތް މައްސަލައެއްގައި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ. ޖަމީލް ވިިދާޅުވީ މިއަދު ޔާމީން ފުލުހަށް ހާޒިރު ކުރީ ވ. އާރަށާއި ގުޅޭ މައްސަލައެއްގައި ކަމަށެވެ. އަދި އެއީ ތަހުގީގު މުޅިން ނިމިފައިވާ މައްސަލައަކަށް ވެފައި އަލުން ބަލުން އެމަނިކުފާނު ފުލުހަށް ހާޒިރު ކޮށްގެން ނިމިފައި އޮތް މައްސަލައެއް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި މި ގޮތަށް މި މައްސަލަ އަނެއްކާ ތަހުގީގު ކުރަން ފެށުމަކީ ކަނބޮޑުވާ ކަމެއް ކަމަށް ފުލުހުންނާ ވެސް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފުލުހުން މި މައްސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ މައްސަލައިގައި އިތުރަށް ބަލަން ހުރި ކަންކަން ހުރުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ވަނީ 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައެވެ. ނަމަވެސް އެއީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުން ހުރި ކޮން މައްސަލައެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ބޭރު ކުންފުންޏަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އޭޕްރީލް 27 ގައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށެވެ.