އަގުދީގެން މާލޭގައި ވެހިކަލް ޕާކު ކުރަން ޖާގަ ދޫކުރަން މާލޭ ސިޓީކައުންސިލުން ހުޅުވާލައިފިއެވެ.

މިގޮތުން ދޫކުރަން ހަމަޖެހިފައި ވަނީ ޖުމްލަ 211 ޖާގަ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ޖާގަ ދޫކުރާ ވެހިކަލް ތަކަކީ 350 ކިލޯގެ ޕިކަޕާއި ކާރު އަދި ވޭން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ޖާގަ ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް:

  • މއ. ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) 44 ޖާގަ
  • މއ. ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) 21 ޖާގަ
  • މއ. ކުރެދިގޯޅި 10 ޖާގަ
  • މއ. ހުދުފަޅުހިނގުން 8 ޖާގަ
  • މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި 20 ޖާގަ
  • މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑީއަމްފަޅީގައި) 10 ޖާގަ
  • ސަލާހުއްދީން ޕާކިން 10 ޖާގަ
  • އާޓިފިޝަލް ބީޗް ޕާކިން (ޗައިނާ އެމްބަސީ ކުރިމަތީގައި) ހަމައެކަނި ޕްރައިވެޓް ކާރުތަކަށް 24 ޖާގަ
  • އަލިމަސް ކާނިވާ ސަރަހައްދުގައި 6 ޖާގަ
  • ސަލްމާން މިސްކިތު ސަރަހައްދުގައި 58 ޖާގަ

މާލޭ ސިޓީ ކައުންސިލުން ވަނީ ޕާކިން ޒޯންތަކަށް އެދޭ ފަރާތްތަކުން މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޕާކިން ޒޯން ބޭނުންވާ ފަރާތްތަކުން ސިޓީކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބަޔަށް އައިޑީކާޑުގެ ކޮޕީއާއި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީއާއެކު ސިޓީއެއް ހުށައެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި ޖާގަ ލިބޭ ފަރާތްތައް ހޮވާނީ ގުރުއަތުލައިގެން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީގައި ޕާކުކުރުމަށް ކުުރިން ބޮޑު އަދަދެއް ނަގަމުން ގޮސްފައި ވާއިރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގަތުމަށްފަހު ޕާކު ކުރުމަށް ނަގާ ފީ ވަނީ 3،000 އިން 700 އަށް ކުޑަކޮށްފައެވެ.