މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ.
ރީނދޫ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 15:00 އާ ދޭތެރޭ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާ، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށެވެ. އަދި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާ ކަނޑުތަށް ގަދަވެ އުދައެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ އިން ބުނެއެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މިދިޔަ އަންގާރަ ދުވަހު ބުނެފައި ވަނީ ބުދަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 4 ދުވަހުވެސް ރައްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮން ވާރޭ ވެހި ވައިގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށާ، އާންމު ގޮތެއްގައި 15 މޭލާ 25 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑެއްގައި 50 މޭލާ 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖޭގެ ސަރަހައްދު ތަކަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮން ހުރިހާ ފަރާތްތަކަށް ވަކިން ހާއްސަކޮން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.