ކުރިއަށް އޮތް 100 ވަރަކަށް ދުވަހުގެ ތެރޭގައި، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ތައިލޭންޑް އަލުން ހުޅުވާލުމަށް އެ ގައުމުން ރާވަމުން ދިޔަ ރޭވުންތަކުގައި ހަގީގީ ކުލަ ޖެހިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ތައިލޭންޑް އަލުން ހުޅުވާލުމަށް އެގައުމުން ރާވަމުން ދިޔަ ރޭވުންތަކުގައި ހަގީގީ ކުލަ ޖެހުމަށް އެޅިފައި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ހިޔަންޏެވެ. އެގޮތުން، މި ދަނޑިވަޅަކީ، އެގައުމުން ރެކޯޑް އަދަދަކަށް ކޮވިޑްގެ ކޭސްތައް ފެންނަމުން ދާ ދަނޑިވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް އެގައުމުން 7000 ޕޮޒިޓިވް ކޭހާއި، 75 މަރުގެ ކޭސް ރިޕޯޓް ކޮށްފައެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަން ފެށުނު ފަހުން ތައިލޭންޑްގެ ދުށް ރެކޯޑެކެވެ.

ތައިލޭންޑަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި މީގެ ކުރިން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައި ވާ ގައުމެކެވެ. އެގޮތުން ސިންގަލް ޑިޖިޓް ނުވަތަ 10 އަކަށް ވުރެ ދަށުންވެސް އާ ކޭސް ރިޕޯޓް ކުރި މަންޒަރު ވަނީ ފެނިފައެވެ.

ނަމަވެސް މިހާރު އެ ގައުމުގައި ރެކޯޑް އަދަދުތަކުން ދުވާލެއްގެ މައްޗަށް އާ ކޭސް ރިޕޯޓް ކުރަމުން ދާއިރު، މިކަމުގެ ފަހަތުގައި އޮތީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓް ކަން ފާހަގަ ކުރަންޖެހެއެވެ. އެހެން ކަމުން، ބިދޭސީ ފަތުރުވެރިންނަށް ގައުމު އަލުން ހުޅުވާލަން އެ ގައުމުން ދުށް ފޮނި ހުވަފެން، މިވަގުތަށް ބިލާހަކަށް ވެދާނެ ކަމުގައި ގަބޫލު ކުރަން ވަނީ މަޖުބޫރުވެފައެވެ.

ގައުމުގެ ހާލަތު ގޯސްވަމުން ގޮސް، އެއާޕޯޓް ޓާމިނަލަކީވެސް ފީލްޑް ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ކަމުގައި ހެދުމަށް ނިންމާފައި ވާ ކަން، ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިއުލާން ކޮށްފައެވެ.

ތައިލޭންޑަކީ ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ގައުމެކެވެ. ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާއެކު މި ސިނާއަތަށް އެކަމުގެ އިންތިހާ ނޭދެވޭ އަސަރު ވަނީ ފޯރާފައެވެ.

ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ގައުމު އެކީ، 120 ދުވަހުގެ ތެރޭގައި ހުޅުވާލުމުގެ އަމާޒު އެބައޮތް ކަމަށް ބޮޑުވަޒީރު ޕްރާޔޫތު ޗާން-އޯޗާ އިއުލާން ކުރެއްވީ ހުސްވި މަހުގެ ތެރޭގައެވެ.

މިދިޔަ ހަފުތާގައި ތައިލޭންޑުން ވަނީ ކަރަންޓީނާ ނުލާ އެ ގައުމަށް ދަތުރު ކުރުމުގެ އާ މޮޑެލްއެއްވެސް ތަޖުރިބާ ކުރަން ފަށާފައެވެ. އެގޮތުން، "ޕުކެޓް ސޭންޑްބޮކްސް" މޮޑެލްގެ ދަށުން، މަޝްހޫރު ޕުކެޓް، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ހުޅުވާލި ފަހުން މިހާރުވެސް 2000 އެއްހާ މީހުން އެ ސަރަހައްދަށް އެތެރެވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިދުޔަ ބުދަ ދުވަހު، ކޮވިޑް ކޭހެއް އިމްޕޯޓް ވި ކަމަށް ޕުކެޓުން ވަނީ ރިޕޯޓް ކޮށްފައެވެ. އެއޯ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ދަތުރު ކުރި ފިރިހެން ދަތުރުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ތައިލޭންޑްގެ ކޮވިޑް ވެކްސިން ކެމްޕޭނަށް ބަލާއިރު، އާބާދީޣެ 15 ޕަސެންޓް މީހުން ވަނީ ވެކްސިންގެ 1 ޑޯޒް ޖަހާފައެވެ. 2 ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 4.3 ޕަސެންޓް މީހުން ކަމަށް މައުލޫމާތު ލިބެއެވެ.