ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ބޮޑު ކޮންޓްރޯލެއް ނަގަމުން އަންނަ މި ދަނޑިވަޅުގައި، އެމެރިކާ ސިފައިން އަފްގާނިސްތާނު ދޫކޮށް، އެ ގައުމުން ފައިބަމުން ދާ ދިއުން ދިފާއު ކުރައްވާ، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވާހަކަފުޅު ދައްކަވައިފިއެވެ.

އެމެރިކާ-އަފްގާން ހަނގުރާމައިގެ ކަންކަން ވިލަރެސް ކުރައްވަމުން ގެންދަވާ އެމެރިކާގެ 4 ވަނަ ރައީސް ކަމަށް ވާ، ބައިޑަން ވަނީ، އަފްގާނިސްތާނުގައި އެމެރިކާއިން ހިންގަމުންދާ އޮޕަރޭޝަންތައް، އަންނަ މަހުގެ 31 ގެ ނިޔަލަށް ނިންމާލާނެ ކަން އިއުލާން ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މާސްކު ތުރުކުރައްވައިގެން / ފޮޓޯ: އޭބީސީ ނިއުސް

އެމެރިކާގެ އަފްގާން އޮޕަރޭޝަންތައް ނިންމާލުމަށް ކުރިން ކަނޑައެޅި ސުންގަޑިއަކީ ސެޕްޓެމްބަރު 11 ވަނަ ދުވަހެވެ. އެމެރިކާ ފައުޖުތައް މިއަހަރުގެ މެއި މަހު، އަފްގާނިސްތާނުން ބޭލުމަށް ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް، ސެޕްޓެމްބަރުގެ ނިޔަލަށް އެކަން ފަސްކުރެއްވީވެސް ބައިޑަންއެވެ.

އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސްގައި ހުންނަވާ، ތަގުރީރު ކުރައްވަމުން ބައިޑަން ވިދާޅުވީ އަދި އިތުރަށް 1 އަހަރަށް އަފްގާނިސްތާނުގައި ހަނގުރާމަ ކުރުމަކީ ހައްލު ނޫން ކަމަށެވެ. އަދި މުއްދަތެއް ނެތް ގޮތަށް ތަޅާފޮޅުންތައް ކުރިއަށް ގެންދެވިދާނެ ހުރިހާ ކަމެއް އަފްގާނިސްތާނުގައި އެބަހުރި ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ބާރުތަކުން ދަނީ އެ ގައުމަށް އަތްގަދަ ކުރަމުން / ފޮޓޯ: ގެޓީ އިމޭޖަޒް

ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހު އެމެރިކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމެރިކާއިން އަފްގާނިސްތާނުގައި ކުރި ވިއްސަކަށް އަހަރުވީ ހަނގުރާމަ، މާ ބޮޑު ކާމިޔާބީއަކާ ނުލާ ނިންމާލުމަށް ފަހު އެ ގައުމުން ފައިބަމުން ދާ މި ދަނޑިވަޅަކީ، އެބަޔަކު ބަލި ކުރުމުގެ ނަމުގައި އެމެރިކާއިން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގި ތޯލިބާން ހަނގުރާމަވެރިން، އަފްގާނިސްތާނުގެ ފަސްގަނޑަށް އަތްގަދަ ކުރަމުން އަންނަ ދަނޑިވަޅެކެވެ.

ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހު އެމެރިކާއަށް ޓެރަރިސްޓް ހަމަލާއަށް ފަހު ވޯލްޑް ޓްރޭޑް ސެންޓަރު ބިމާ ހަމަވެފަ / ފޮޓޯ: ގެޓީ އިމޭޖަޒް

މިފަދަ ދަނޑިވަޅެއްގައި އެމެރިކާއިން އަފްގާނިސްތާނު ދޫކޮށްލާ ކަމަށް ބުނެ، ފާޑުކިއުންތައް އަމާޒު ވި ނަމަވެސް، ބައިޑަން ވަނީ ދިފާއަށް ކުޅުއްވާފައެވެ. އެގޮތުން ތޯލިބާނުންނަށް އަފްގާނިސްތާނުގެ ކޮންޓްރޯލް ނުނެގޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އެގޮތުން ތޯލިބާނުންގެ 75000 އެއްހާ ހަނގުރާމަވެރިންނަކީ، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 300000 މެންބަރުންގެ ފައުޖުތަކާ ނުބައްދަލު އަދަދެއް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ފައުޖެއް / ފޮޓޯ: ގެޓީ އިމޭޖަޒް

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ސިފައިން އަނބުރާ ގައުމަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް، 650 އާއި 1000 ދެމެދު އަދަދެއްގެ އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބޭނެއެވެ. އެއީ އަފްގާނިސްތާނުގައި ހުންނަ އެމެރިކާގެ އެމްބަސީއާއި، ކާބުލް އެއާޕޯޓްގެ އިތުރުން ސަރުކާރުގެ މުހިންމު ބައެއް ތަންތަން ގާޑު ކުރުމުގެ ބޭނުމުގައި ކަމަށް ހަބަރު ލިބެއެވެ.

މީގެ އިތުރުން، އެމެރިކާއިން ދަނީ، ހަނގުރާމައިގެ ދުވަސްވަރު، އެމެރިކާއަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް، ރައްކާތެރި ހޯދާދިނުމުގެ ގޮތުން، އެމީހުން އެމެރިކާއަށް ބަދަލު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ.