ބައިނަލްއަގުވާމީ ރާޑަރުގެ އެންމެ ކުރިން މިވަގުތު ޖާގަ ހޯދަމުން އަންނަ އަފްގާނިސްތާނުގެ މައި ސަރުކާރުގެ އޮފިޝަލުންނާއި، އެ ގައުމުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ހަނގުރާމަވެރިންގެ ވަފުދެއް، އީރާންގެ ވެރިރަށް، ތެހްރާންގައި ބައްދަލު ކޮށްފައި ވާ ކަމަށް، އީރާން ހާރިޖިއްޔާއިން ހާމަކޮށްފިއެވެ.

އެތައް އަހަރެއް ވަންދެން އަފްގާނިސްތާނުގައި ކުރި ހަނގުރާމަ ނިންމާލުމަށްފަހު، އެމެރިކާގެ އަސްކަރީ ސިފައިންގެ އެންމެ ފަހުގެ ފައުޖުތައް އަފްގާނިސްތާނުން ފައިބަމުންދާ މި ހައްސާސީ ދަނޑިވަޅުގައި، އަފްގާން ސަރުކާރާއި ތޯލިބާނުގެ ވަފުދާ ދެމެދު ތެހްރާންގައި މަޝްވަރާތައް ކުރިއަށް ގެން ގޮސްފައި މިވަނީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުގައެވެ.

މީގެ ކުރިން ގަތަރުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ކޮޅެއްގައި ނުޖެހި މެދުކެނޑިފައި އޮތް ދުވަސްވަރު، އަފްގާނިސްތާނުގެ މަސްރަހު ވަނީ އިންތިހާއަށް ހަލަބޮލިވެ، ނުރައްކާވެފައެވެ. ސުލްހައިގެ މަޝްވަރާގެ މޭޒު ދޮށުގައި އަފްގާނިސްތާނުގެ އޮފިޝަލުންނާއި ތޯލިބާނުންގެ ވަފުދު ތިބިއިރުވެސް، އަފްގާނިސްތާނުގައި ހަމަނުޖެހުން ހިންގާފައިވެއެވެ.

ސުލްހައިގެ މަޝްވަރާތަކަށް މަރުހަބާ ވިދާޅުވެ ވާހަކަދައްކަވަމުން އީރާންގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފު ވަނީ، އަފްގާނިސްތާނުގެ މުސްތަގުބަލަށްޓަކާ، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން، އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިފައި ވާ ވަގުތު ކަމުގެ އިންޒާރު ދެއްވާފައެވެ.

އީރާނުގެ ހާރިޖިއްޔާއިން މައުލޫމާތު ދޭ ގޮތުގައި މި މަޝްވަރާތަކުގައި ތޯލިބާނުންގެ ފަރާތުން އިސްކޮށް ހުންނަނީ ޑެޕިއުޓީ ޗީފް ނެގޯޝިއޭޓަރު، ޝޭރް މުހައްމަދު އައްބާސް ސްޓަނިކްޒާއީ ކަމަށާ، އަފްގާނިސްތާނުގެ ސަރުކާރު ތަމްސީލު ކުރައްވަނީ ކުރީގެ ނައިބު ރައީސް ޔޫނުސް ގާނޫނީ ކަމަށެވެ.