ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން އަމުރުކުރި ތިން މީހުންނަކީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަން ތަކުގައި ހައްޔަރުކުރި މީހުން ކަމަށެވެ.

އަދި ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލައާ ގުޅިގެން ހައްޔަރު ކުރި އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހަކު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ނިންމިއެވެ. ނަމަވެސް ފަހުން ޕީޖީން ބުނީ އެ 3 މީހުންނަކީ ހަމަލާއާ ގުޅުން ހުރެގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ 3 މީހުން ކަމަށެވެ.

މޭ 6 ގެ ހަމަލާއާ ގުޅުންހުރި މީހުންގެ ތެރެއިން 03 މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މި އޮފީހުން ނިންމައިފިން.
އަހުމަދު ޝަފީއު / ޕަބްލިކް ޕްރޮސެކިއުޓާ - ޕީޖީ އޮފީސް

ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ މި ތިން މީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަކީ ހަމަލާއާ ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމެވެ.އެއީ، ފުލުހުން މީގެކުރިން ވަނަވަރު ހާމަކޮށްފައިވާ ފަސް މީހުންނާއި މިއަދު ދޫކޮށްލި ތިން މީހުންނެވެ.

ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެއެވެ. މި ހަތަރު މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ.