ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިމުނަށް ސަރުކާރުން ނިންމާފައިވާ އިރު މޮނިޓަރިން ހާލަތުގައި ނުހިމެނޭ ރަށްރަށަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް ލުއި ދޭން ނިންމާފައިވާ ކަން ހާމަވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ. އެގޮތުން ދަތުރުކުރާ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ވެފައިވާން ވާނެއެވެ. މޮނިޓަރިންގެ ހާލަތުގައި ނުވާ ރަށްރަށަށް ދަތުރު ކުރެވޭ އިރު ޕީސީއާރް ޓެސްޓެއް ވެސް ހައްދަން ޖެހެއެވެ. އަދި ހަދާ ޕީސީއާރް ޓެސްޓުތަކަކީ ސާވޭލަންސްގެ ގޮތުގައި ހަދާ ރެންޑަމް ސާމްޕަލްއެއް ކަމުގައި ވިޔަސް ފުދޭނެއެވެ.
އާންމުންނަށް ރަށްރަށަށް ދެވޭ ގޮތަށް ހަމަޖައްސާ އިރު ރިސޯޓް މުވައްޒަފުންނަށް ވެސް މޮނިޓަރިންގައި ނެތް ރަށްރަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް 14 ދުވަސްވެފައިވާ ނަމަ ދަތުރު ކުރޭވެ ގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ހުރި ރިސޯޓެއްގައި ކަމުގައި ވާނަމަ އެ ރިސޯޓެއްގެ މުވައްޒަފަކަށް ދަތުރު ކުރެވޭނީ ރިސޯޓުގެ މޮނިޓަރިން އުވާލުމުންނެވެ.
ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ރަށްރަށަށް ދަތުރު ކުރެވޭ އުސޫލު ހަމަޖައްސަން ނިންމާފައިވާ އިރު، މިހާރު ރާއްޖެއިން ފުރަތަމަ ޑޯޒް ޖެހި އާބާދީގެ 63 ޕަސެންޓް މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.
ކޮވިޑް ގެ ހާލަތުން ލުއިތައް ދޭން ސަރުކާރުން މި ނިންމީ ކޭސްތައް ވަރަށް ބޮޑުތަނުން ދަށަށް ދިއުމުންނެވެ. މިދިޔަ ޖޫން މަހުގެ ފަހު ކޮޅުން ފެށިގެން ސަރުކާރުން އަންނަނީ ބައެއް ލުއިތައް ދެމުންނެވެ.
ގިނަ ލުއިތަކެއް ސަރުކާރުން ދޭން ނިންމި އިރު އިއްޔެ ކޮވިޑް ޖެހިފައި ވަނީ 105 މީހަކަށެވެ. އެއީ މާލެ ސަރަހައްދުން 23 މީހަކާއި ރިސޯޓުން 7 މިހަކާއި ރަށްރަށުން 74 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން އެކަކެވެ.