ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑޮޒް ޖެހި މީހުންގެ ތެރެއިން 63 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 317،549 މީހުންނެވެ. އޭގެތެރެއިން 199،784 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. މިއާ އެކު މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 62.91 ޕަސެންޓް މީހުން ވަނީ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 5133 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 151 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 33 މިހަކާއި އަތޮޅުތެރެއިން 118 މީހެކެވެ. އެ ދުވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 4982 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 4174 މީހަކާއި އަތޮޅު ތެރެއިން 808 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖަހާ މީހުން މިހާރު އިތުރުވެފައި މި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމުންނެވެ. އެ ގޮތުން މި ވެކްސިން ރާއްޖޭގައި އަނެއްކާ ޖަހަނަ ފަށާފައި މި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.