ރާއްޖޭގައި އަނެއްކާވެސް ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާއިރު އާންމުން ކިއުގައި ނުޖެހި ކިއުބީން ޓޯކެން ނަންބަރު ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މާދަމާ އިން ފެށީގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ދާ ފަރާތްތަކަށް ނަންބަރު ދޫކުރަން ހަމަޖެހިފައި ވަނީ ކިއުބީ މެދުވެރިކޮށް ކަމަށާއި އަދި ވެކްސިން ޖަހަން ފަށާ ގަޑީގެ އެއް ގަޑިއިރު ކުރިން ނަންބަރު ދޫކުރަން ފަށާނެ ކަމަށެވެ.

ޖުމްލަ 1180 ނަންބަރު ދޫކުރަން ހަމަޖެހިފައިވާ އިރު 4 ސެންޓަރަކުން މާދަމާ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސެންޓަރުތަކުން ވެކްސިން ޖަހައި ދިނުން ކުރިއަށް ދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ހެނދުނު 10 އިން 12 އަށް ވެކްސިން ޖަހައިދޭ އިރު މެންދުރު ފަހު 1 އިން 3 އަށް ވެސް ވެކްސިން ޖަހައިދޭނެއެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދޭ ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު : 400 ޓޮކެން (ހެނދުނު 200 އަދި މެންދުރު 200)
  • އިސްލާމިކް ސެންޓަރު : 400 ޓޮކެން (ހެނދުނު 200 އަދި މެންދުރު 200)
  • ހުޅުމާލެ ވެކްސިން ސެންޓަރު : 240 ޓޮކެން (ހެނދުނު 120 އަދި މެންދުރު 120)
  • ނެޗަނަލް އާޓް ގެލެރީ : 140 ޓޮކެން (ހެނދުނު 70 އަދި މެންދުރު 70)

ކޮވިޝީލް ވެކްސިންއަށް ކިއުބީން ނަންބަރު ދޫކުރާ އިރު ހެނދުނު ނަންބަރު ދޫކުރާނީ 9:00 އިން ފެށިގެންނެވެ. އަދި މެންދުރު ފަހު ވެކްސިން ޖަހައި ދިނުމަށް ނަންބަރު ދޫކުރާނީ މެންދުރު 12:00 އިން ފެށިގެންނެވެ.

މާދަމާ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައި ދެނީ މިދިޔަ ފެބްރުއަރީ 1 އިން މާޗް 15 އާ ދެމެދު ފުރަތަމަ ޑޯޒް ޖަހާފައި މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ސެންޓްރުތަކުގެ އިތުރުން ވެލާނާ އެއާޕޯޓުގައި ހުންނަ ވެކްސިން ސެންޓަރުން އެއާޕޯޓް މުވައްޒަފުންނަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ވެސް ކޮވިޝީލްޑް ވެކްސިން ޖެހި އިރު ވެކްސިން ކިއު ދިގުވެ އާންމުން އެއްތަނަކަށް އެއްވާން ޖެހޭތީ ވަނީ ކިއުބީން ނަންބަރު ދޫކޮށްފައެވެ. ނަމަވެސް ކޮވިޝީލްޑްގެ ސްޓޮކް ހުސްވާން ގާތްވުމުން އާންމުންނަށް ހުޅުވާލައިގެން އެ ވެކްސިން ޖަހައި ދިނުން ހުއްޓާލަން އެޗްޕީއޭއިން ނިންމި އިރު ކިއުބީ މެދުވެރިކޮށް ޓޯކަން ދޫކުރުން ވެސް ވަނީ ހުއްޓިފައެވެ.