ހިޔާ ފްލެޓް ޔަގީންވި ފަރާތްތައް އެކުވެގެން ހަދާފައިވާ "ހިޔާ ޔޫނިއަން" އާއެކު ބޭއްވި ބައްދަލުވުމެއްގައި ފްލެޓްގެ ކުލި ނުދެއްކޭ ފަރާތްތަކަށް ސަރުކާރުން ސަބްސިޑީ ހަމަޖައްސައި ދީގެން ކުލި ކުޑަކުރެވިދާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ކަމަށް އެ ޔޫނިއަނުން ބުނެފިއެވެ.

ފްލެޓްތަކުގެ އަގު ކުޑަކުރުމަށާއި އެތަނުގެ ފިނިޝިންގެ މަސައްކަތާ ގުޅޭ ގޮތުން ހުރި ކަންބިޮޑުވުންތައް ހިއްސާކޮށް އެ ޔޫނިއަނުން ވަނީ މީގެ ކުރިން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި މިހާތަނަށް އެ ޕެޓިޝަނަށް ޖަވާބެއް ސަރުކާރުން ދީފައި ނުވެއެވެ.

މިއަދު ހިޔާ ޔޫނިއަން އާއެކު ހައުސިން މިނިސްޓަރާއި އެޗްޑީސީގެ އެމްޑީ އަހުމަދު ސުހައިލް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުން ކުރިއައް ދިޔައީ ހައުސިންސިން މިނިސްޓްރީގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ. ބައްދަލުވުމުގައި ވަނީ ޕެޓިޝަންގައި ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

ޕެޓިޝަނާއި ގުޅޭ ޖަވާބު ނުދެވޭ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، ދައުލަތަށް އުފުލަން ޖެހޭ ބުރަ ބޮޑުވުމުގެ ސަބަބުން އަގު ކުޑަކުރަން ދަތިވާތީ ކަމަށް ހިޔާ ޔޫނިއަނުން ބުނެއެވެ. ޔޫނިއަނުން ބުނީ، މިއަދު މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ފްލެޓްތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާކޮށްފައި ކަަމަށެވެ. އެގޮތުން އާމްދަނީ މަދުން ލިބޭ ފަރާތްތަކަށް ދައުލަތުން ސަބްސިޑީ ހަމަޖައްސައި ކުލި ކުޑަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ދެއްވި ކަމަށް އެ ޔޫނިއަނުން ބުނެއެވެ. ހަމައެއާއެކު ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އިންޓީރިއާ ފިނިޝިން ނުނިންމޭ ފަރާތްތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި ކަމަށް ހިޔާ ޔޫނިއަނުން ބުނެއެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި އެޗްޑީއެފްސީ މެދުވެރިކޮށް ޕެންޝަން ފަންޑުން 15 އަހަރަށް ބަހާލެވޭގޮތަށް އިންޓީރިއާ ފިނިޝިންގް އަށް ބޭނުންވާ ލޯން ހަމަޖެހޭނެ ކަމަށާއި އެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ހިޔާ ޔޫނިއަނުން ޕެޓިޝަނެއް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.