ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޮގްރަފީ ސާވޭ އެއް ހެދުމަށް ރާއްޖެއާއި އިންޑިއާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ރާއްޖޭގެ ކަނޑުގެ ޗާޓު ކުރަހައި ވިއްކުމުގެ ހައްގު ލިބިގެންވާކަން ހާމަވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ލީކުވި އެއްބަސް ވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފް އިން އެއްވެސް އެއްޗެއް ނުބުންޏެވެ.
އެ އެމްއޯޔޫއިން ހާމަވާގޮތުގައި ރާއްޖޭގެ އިގުތިސޯދީ ސަރަހައްދާއި އެތެރެވަރި އަދި ބޭރުގެ ކަނޑުގެ ސަރަހައްދުގެ ނެވިކަމުގެ ޗާޓުތައް ހެދުމުގެ ހައްގު އިންޑިއާއަށް ލިބެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މުހިންމު ބަނދަރުތަކާއި ރަށްތަކުގެ ކައިރި ސަރަހައްދުތަކުގައި ހައިޑްރޮގްރެފިކް ސާވޭ ހެދުމުގެ ހުއްދަ އިންޑިއާއަށް ލިބެއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހައިޑްރޮގްރެފިކް ޗާޓުތައް ހަދާނީ އިންޑިއާއިންނެވެ. އަދި ރާއްޖެއިން ޗާޓު ބޭނުން ވާނަމަ ގަންނަން ޖެހޭނީ އިންޑިއާ އިން ކަމަށްވެސް ވެއެވެ. ރާއްޖެއިން ޗާޓު ބޭނުން ވާކަން އެންގުމުން އެ ޗާޓު އިންޑިއާ އިން ފޮނުވާނީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނަށް ކަމަށާ ހައި ކޮމިޝަނުން އެ ޗާޓުތައް ދިވެހި ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ. އަދި ކޮންމެ 6 މަހަކުން ޗާޓުތައް ވިއްކުމަށް ފަހު ސޭލްސް ބަޔާނެއް އިންޑީއާގެ ހައިކޮމިޝަނަށް ހިއްސާކުރަން ޖެހޭ ގޮތައް ވެސް ވެއެވެ.
ކޮންމެ ޗާޓަކުންވެސް ރާއްޖެއަށް އެއްފަހަރާ ގެންގުޅެވޭނީ 25 ކޮޕީ ކަމަށާ، ސަރުކާރުގައި ހުންނަ ކޮޕީގެ އަދަދު 10 އަށް ވުރެ މަދުވެއްޖެނަމަ އެކަން އިންޑިއާ ހައި ކޮމިޝަނަށް އަންގައި އިންޑިއާގެ ހައިޑްރޮގްރަފީ އޮފީހުން ޗާޓު ހޯދަން ޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ވެެއެވެ. އަދި އެ ޗާޓުތައް ވިއްކޭނީ އިންޑިއާ ސަރުކާރުން ކަނޑައަޅާ އަގުތަކެއްގައި ކަމަށާ އެއަށް ވުރެ ބޮޑު އަގެއްގައި ދިވެހި ސަރުކާރަށް އެ ޗާޓު ނުވިއްކޭނެ ކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ.
އެ ޗާޓުތައް ނަކަލުކޮށް އެހެން ބަޔަކަށް ވިއްކަން ބޭނުންވާނަމަ އިންޑިއާ ސަރުކާރުން ލިޔުމުން ހުއްދަ ހޯދަން ޖެހޭނެ ކަމަށާ، އެ ހާލަތުގައި ޗާޓު ވިއްކޭނީ އިންޑިއާއިން ލިޔުމުން ހުއްދަ ދިނުމުން ކަމަށްވެސް އެއްބަސްވުމުގައި ވެއެވެ. އެހެން ނަމަވެސް ރަސްމީ ކަންކަމުގައި އިންޑިއާގެ ހުއްދަނެތި އެ ޗާޓުތައް ބޭނުން ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
ހައިޑްރޯގްރަފީއަކީ ކަނޑު އަޑީގެ ޗާޓާއި ކަނޑުއަޑީގައި ވާ ތަކެތި ސޯނާ އަޑު ބޭނުންކޮށްގެން ދެނެގަތުމަށް ކިޔާނަމެކެވެ. މިގޮތުން ހައިޑްރޯގްރަފީ ބޭނުންކޮށްގެން ކަނޑު އަޑީގެ ޗާޓު ކުރަހާ ހަދައެވެ. އަދި މީހުން ހޯދުމާ ތަފާތު އަސްކަރީ ބޭނުންތަކުގައި ވެސް ހައިޑްރޯގްރަފީ ބޭނުންކުރެއެވެ.
ރާއްޖޭގެ ކަނޑުގެ ހައިޑްރޯގްރަފީ ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ 2019 ވަނަ އަހަރުގެ ޖޫންމަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭގެ ފަހުން ދެގައުމުގެ އަސްކަރިއްޔާގެ ވެރިންގެ ފެންވަރުގައި އެ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފްސީލީ މަޝްވަރާތައް ކޮށްފައި ވެއެވެ.