ބޭނުން ކުރަން ތައްޔާރު ކޮށްފައި ހުންނަ ކާބޯތަކެތި ވިއްކުމުގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ޓައިސަން ފުޑްސް އިންކްއިން އުފައްދާފައިވާ ކުކުޅުގެ ބައެއް އުފެއްދުންތަކުގައި ލިސްޓީރިއާ ބެކްޓީރިއާގެ އަސަރު ހުރެދާނެ ކަމަށް ބަލާ، 8.5 މިލިއަން ޕައުންޑްގެ އުފެއްދުން ބޭނުން ނުކުރުމަށް، ކާބޯތަކެތީގެ ރައްކާތެރި ކަމާ ބެހޭ އެމެރިކާގެ އިދާރާ އެފްސިސް އިން އިންޒާރު ކޮށްފިއެވެ.

އެފްސިސްއިން ކޮށްފައި ވާ އިއުލާނެއްގައި ބުނެފައި ވަނީ ޑިސެމްބަރު 26، 2020 އާއި އޭޕްރިލް 13، 2021 އާ ދެމެދު ޓައިސަން ފުޑްސް އިންކްއިން އެއްކޮށް ކައްކާ، ގަނޑުކޮށްގެން ބާޒާރަށް ނެރެފައިވާ ކުކުޅުގެ އުފެއްދުންތަކުގައި ލިސްޓީރިއާގެ އަސަރު ހުރި ކަމަށް، އެ އިދާރާގެ ތަޖުރިބާކާރުންނަށް ބެލެވޭ ކަމަށެވެ. ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް، މިކަން އައީ، 2 މީހަކު ލިސްޓީރިއޯސިސްއަށް ޕޮޒިޓިވްވުމުންނެވެ.

އެމެރިކާގެ އެކި ހިސާބުތަކަށް ބަލާއިރު، ދިފާއީ ވުޒާރާގެ ބައެއް މަރުކަޒުތަކަށްވެސް މި އުފެއްދުން ފޯރާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ލިސްޓީރިއޯސިސްއަކީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ، ބެކްޓީރިއަލް އިންފެކްޝަންއެކެވެ. ލިސްޓީރިއާ ބެކްޓިރިއާގެ އަސަރު ކުރުމުން ފެނިދާނެ ބައެއް އާލާމަތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ގައިގައި ރިއްސުން، ބެލަންސް ކުރަން ދަތިވުން، ކަރަށް ނާރުއެރުން، ވާނުވާ ނޭނގޭ ގޮތަށް އޮޅުން އެރުން، ހިއްސު ކެނޑުން އަދި ގޮހުރުގެ ބައެއް އުނދަގޫތައް ހިމެނެއެވެ.