އިންފޮމޭޝަން ކޮމިޝަނާ އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސްގެ އޮފީހުން އަލުން މިއަދު ހުޅުވާލަފިއެވެ.

ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުން ލިބޭނެ ކަމަށާއި އަދި ރައީސް އޮފީހުގެ ވެބްސައިޓު، އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވައިފައި ވަނީ މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ. ފިޔާޒް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު، އޭނާ ވަނީ އެ މަގާމުގައި ހުންނަވާ އަމިއްލަ ނޫހެއް އުފައްދަވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ހާދިމެކެވެ.